އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އިންތިހާބުވި ބޭފުޅުންނާއެކު އެއްވެސް ތަފާތު ކުރުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އިންތިހާބުގައި އަލަށް އިންތިހާބުވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރުގެ ޕޯސްޓުގައި، އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
"އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.


އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މި އިންތިހާބަކީ ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވުނު ބައި-އިލެކްޝަނެކެވެ.







