ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ކުރީގެ ދެ ވަޒީރުން ކަމަށްވާ ތޯރިގް އިބްރާހިމް އާއި އާދަމް ޝަރީފް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު އިއްވަވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމާމެދު މަޖިލީހުގެ ރުހުން ހޯދުމަށް އެދިވަޑައިގެންފަ އެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި ދެ ނަން އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
ޔޫއޭއީގެ ސަފީރުކަމަށް ހުށަހަޅުއްވާފައިވާ ތޯރިގް އިބްރާހިމް އަކީ ކުރީގެ ތިމާވެށްޓާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޔޫއޭއީގައި އެންމެ ފަހުން ރާއްޖޭގެ ސަފީރުގެ މަގާމުގައި ހުންނެވީ މިހާރުގެ ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ. އޭނާ އެ މަގާމުން ވަކިކުރައްވާފައިވަނީ މިދިޔަ އޭޕްރީލް މަހުގަ އެވެ.
ގަތަރުގެ ސަފީރުކަމަށް ހުށަހަޅުއްވާފައިވާ އާދަމް ޝަރީފަކީ ކުރީގެ ސިޓީސް މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މިއީ ގަތަރަށް ރާއްޖޭގެ ފަރާތުން ސަފީރަކު އައްޔަންކުރާ ފުރަތަމަ ފަހަރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފެއްދެވީ މިދިޔަ އަހަރުގެ ޖޫން 29 ގައެވެ. ނަމަވެސް، މިހާތަނަށް އެ ގައުމަށް ރާއްޖެއިން ސަފީރަކު ކަނޑައަޅުއްވާފައެއް ނުވެ އެވެ.
އެގޮތުން، ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ހުށަހެޅުއްވި ތޯރިގް އިބްރާހިމް އާއި އާދަމް ޝަރީފް މިހާރު ތިއްބެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.
މަޖިލީހުގެ ކޮމިޓީން މި ދެ ބޭފުޅުންގެ ނަންތައް ދިރާސާކޮށް ނިންމުމުން، ސަފީރުކަމުގެ ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހޭނެ އެވެ.









