ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ ގޮތުން މަސައްކަތް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކުގައި ކަމަށާއި، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ހަރަކާތްތަކުން ފެންނާނެ ކަމަށް ކުރީގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މި މަހުގެ ތެރޭގައި ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދިވެހި ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ހަރުދަނާ ކުރެވޭނީ ކައުންސިލްތައް ބާރުވެރިކުރުވައިގެންނެވެ. އަދި ކައުންސިލްތަކާއި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކައުންސިލްތަކަށް ހިންދެމިލެވޭނެ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މާލީ ފުދުންތެރިކަން ކައުންސިލްތަކަށް ލިބިގެން. ރައްޔިތުންނާ ގުޅޭ ކަންކަމުގައި ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ފުރަތަމަ ޓަކިޖަހާ ދޮރަކީ ކައުންސިލްތަކަށް ވެގެން. އަދި ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މެދުވެރިއަކަށް ކައުންސިލްތައް ހެދިގެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން، އާދަމް ޝަރީފް ވަނީ އަލަށް ހުވާކުރާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން، ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ލާމަރުކަޒީ ނިޒާމަށް އާ ދިރުމެއް ލިބި، އައު ބާބެއް ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.









