ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ހިޖުރަކުރުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ސާވޭއެއް ކުރުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސިޓީތަކާއި އިފާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ 5 އަހަރުގެ އެކްޝަން ޕްލޭން އިފްތިތާޙުކުރުމަށް ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގައި މި ވަގުތު މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެ ރަށެއްގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމާއި ދޭތެރޭ ވިސްނުން ހުރިގޮތް ދެނެގަތުމުގެ ސާވޭ ކުރިޔަށް ގެންދަން ވިސްނާއިރު، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އެ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ފާއިތުވެދިޔަ އަހަރު ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ކައުންސިލްތަކާއެކު ރަނގަޅު ގުޅުމެއް މިއަދު ޤާއިމްކުރެވިފައި ވެއެވެ. އަދި އެ ވުޒާރާއަކީ މުޅި ރާއްޖެއަށް މިއަދުވެސް ފެތުރިފައިވާ ވަރަށް ބޮޑު ވުޒާރާއެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.









