ހެންވޭރު ގެއެއްގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން ބަލައި ފާސްކޮށް، 103 ފޮށިގަނޑު އަތުލައިގަތް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެ ބަލައި ފާސްކުރުމުން، ކާޑްބޯޑް ފޮށިގަނޑުގެ ޖުމްލަ 103 ފޮށިގަނޑު އަތުލައިގަނެފައިވެއެވެ. މީގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑު ވެސް ހިމެނޭ ކަމަށް ފުލުހުން ހާމަކުރިއެވެ.
އެނގިފައިވާ ގޮތުގައި އެތަނ8ން އުފައްދާ ސިގެރޭޓް ވިއްކަނީ ޢާންމު ރޭޓަށްވުރެ ޑަބަލް ހެޔޮ ކޮށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. މި ޤާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ.
ހެލްތު މިނިސްޓްރީން ވަނީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ ހިފަހައްޓަން ކަސްޓަމްސް އަށް އަންގައިފައެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއި އެކު، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެއެވެ.









