ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމުގެ ކޯހެއް ފަރުމާކޮށް އެ ކޯހުގެ ތަމްރީނުދިނުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
މި އެއްބަސްވުން ހެދީ ގައުމީ ޔުނިވަސިޓީ އާއި ތިމާވެއްޓާއި ބެހޭ މިނިސްޓްރީއާއި ދެމެދުގަ އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
މިނިސްޓްރީން ބުނީ މިއީ "އެންދެރި" މަޝްރޫއުގެ ދަށުން ހެދި އެެއްބަސްވުމެއް ކަމަށާއި މީގެ މަގުސަދަކީ ރާއްޖޭގެ ތިމާވެއްޓާއި އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ހާއްސަ ސިފަތަކަށް ބައްޓަންކޮށްގެން ކޯހެއް ފަރުމާކުރުން ކަމަށެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ހުރި މީހުން މި ކޯހުގެ އެހީގައި އުފައްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ލ. އަތޮޅަށް ހާއްސަކޮށްގެން ހިންގާ މި ކޯހުގައި ތިމާވެށީގެ ސައިންސް އާއި ތިމާވެށީގެ ގާނޫނާއި ތަންފީޒީ މަސައްކަތްތަކާއި އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުމާއި އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމިކަމުގެ މާއްދާތައް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.









