ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އަތޮޅުގެ 10 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ.
އެމަނިކުފާނު މާލެ ވަޑައިގެންނެވިއިރު ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު އުފާވެރި ޚަބަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓި "ދަބަރު ޖަހާފައިވާ ޕްރޮޖެކްޓުތައް" މި ފެށޭ ފެބުރުއަރީ މަހު އަލުން ފަށައިގަންނާނެ ކަމުގެ ހިތްހަމަޖެހުމެވެ. ބައެއް ރަށްރަށުގެ ފަޅު ފުންކުރުމާއި ރިވެޓްމެންޓް ޖަހައިދޭނަމޭ ކިޔައި އަދި ނަރުދަމާގެ މަސައްކަތް ފަދަ މުހިންމު މަޝްރޫއުތައް ކުރީ ސަރުކާރުން ފަށައި އެ ޕްރޮޖެކްޓުތައް ގަސްދުގައި ހުއްޓުވައިލީ މި ސަރުކާރަށް ބުރައެއް ޖެއްސެވުމަށެވެ. ހަރުދަނާ ކަމާއެކު އެއްވެސް ބަޖެޓެއް ނެތްއިރު ބަޖެޓެއް ކަނޑައަޅައި ހިސާބު ޖަހައި ޕްލޭނެއް ވެސް ކޮށްފައެއް ނެތެވެ. އެހެންކަމުން އެ މަޝްރޫޢުތައް އެހެރީ މުޅީން "ދަބަރަށް ވެފައެވެ".
އެހެންނަމަވެސް، ރައީސް މިހާތަނަށް މި ކުރެއްވި ދަތުރުފުޅުތަކުގައި އެކަންކަން ގާތުން ބައްލަވައި އެއަށް "ތެޔޮ ޖައްސަވައި" މި ފެށޭ ފެބުރުއަރީ މަހު އެ މަސައްކަތްތައް ކުރިޔަށް ގެންދަވާނީ ސަރުކާރުގެ ފުރިހަމަ ޒިންމާގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހއ. މާރަންދޫއަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން އެމަނިކުފާނުގެ އިސްތިޤްބާލުގައި. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ އެދުމަކީ ތަރައްޤީގެ ޕްރޮޖެކްޓުތަކުގެ ނިމުން ފާހަގަކުރެއްވުމަށް އަދި އެއްފަހަރު އެމީހުންގެ ގާތަށް ރައީސް ޑރ. މުޢިއްޒު ވަޑައިގަތުން.
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ވަޑައިގެންނެވި ރަށްތަކުގެ ތެރޭގައި މުރައިދޫ، ފިއްލަދޫ، އުތީމު، ދިއްދޫ، ތަކަންދޫ، މާރަންދޫ، އިހަވަންދޫ، ހޯރަފުށި، މޮޅަދޫ އަދި އުލިގަން ހިމެނެއެވެ. މި ރަށްތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، އެ ރަށްތަކުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުން ރައްޔިތުންނަށް ލިބުނު ޔަޤީން ކަމަކީ އެމަނިކުފާނު ވަޑައިގަތް ރަށެއް ވިއްޔާ އެރަށެއްގެ ރައްޔިތުން އެދިލެއްވި ހުރިހާ ކަމެއްހެން ގާތްގަނޑަކަށް ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސް ހުންނެވީ ވަރުގަދަ ޢަޒުމަކާއި އެކުގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް އިފްތިތާޙުކުރައްވައި، އަދި ބައެއް ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުތަކުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިފަދަ ދަތުރުފުޅުތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުން އެދޭ ކަންކަން އޮޅުންފިލުއްވައި، އެ ކަންކަން ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމެވެ.










