ރޯދައިގެ ކުރިން އާރްޓިއެލްގެ ފެރީ ޓާމިނަލްތައް ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށްރަށުގައި އެމްޓީސީސީގެ އެހީތެރިކަމާއެކު ހަދާފައިވާ ފެރީ ޓާމިނަލްތައް ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކުރެއްވުމަށާއި ރޯދައިގެ ކުރިން އެކަން ނިންމުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ރައީސް މިފަދައިން އެމްޓީސީސީއަށް އިރުޝާދު ދެއްވާފައިވަނީ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޮޅަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ 40 ހާހަކަށް ރަށުގައި އާރްޓިއެލް ފެރީ ޓާމިނަލް އެމްޓީސީސީން ހަދައި، އެއާއި ހަވާލުނުވެ ނުވަތަ ހިންގަން އަދި ފެށިފައި ނުވާ ކަމަށެވެ.
"40 އަށް ވުރެ ގިނަ ރަށުގައި މިހިރީ ފެރީ ޓާމިނަލްތައް އެގޮތަށް ހުރެ ވީރާނަވެގެން ދިޔުމުގެ ބަދަލުގައި އެތަންތަން ކައުންސިލްތަކާއި އެގްރީމަންޓްކޮށް، ހަވާލު ކުރުމަކީ އެމްޓީސީސީން ކުރިއަށް ގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު އުއްމީދުކުރަން. އެމްޓީސީސީން މިއަންނަ ފެބްރުއަރީ މަސް ނިމެންވާއިރަށް ހުރިހާ ރަށެއްގެ ފެރީ ޓާމިނަލްތައް ހަވާލުކޮށްދޭނެ ކަމަށް," ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.