ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީ ހިދުމަތް އިތުރު ފަސް އަތޮޅަކަށް ފުޅާކުރުމަށްޓަކައި، ކުރަންޖެހޭ ދިރާސާތަކުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އާރްޓީއެލް ފެރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ޒޯން ހަތަރެއްގައި ގައި މި ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ފެށުމާ ގުޅޭގޮތުން، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާވޭއާ ބެހޭ ތަފްސީލީ މައުލޫމާތު ހިއްސާކުރެވުނު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހާއި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އާރްޓީއެލް ޒޯން ހަތަރެއްގައި ހިމެނޭ އަތޮޅުތަކަކީ މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު، ތ. އަތޮޅު އަދި ލ. އަތޮޅެވެ.
މިހާތަނަށް އާރްޓީއެލްގެ ހިދުމަތް 11 އަތޮޅެއްގައި ވަނީ ގާއިމުކުރެވިފަ އެވެ. އެހެންކަމުން ޒޯން ހަތަރެއްގައި ގައި ހިމެނޭ އަތޮޅުތަކުގައި އާރްޓީއެލްގެ ހިދުމަތް ފެށުމުން، މި ހިދުމަތް ނުލިބޭ ބާކީ އޮންނާނީ ހަތަރު އަތޮޅެވެ.
އާރުޓީއެލްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގުޅިގެންނެވެ.