ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް ހޯއްދަވާ ކަސްޓަމަރުން ފެރީއަށް އަރުވާ ދާގީނާއާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަށް ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިލްތިމާސްކޮށްފި އެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ފެރީގައި ދަތުރުކުރާ ކޮންމެ ފަސިންޖަރަކަށް އުފުލޭނީ ގިނަވެގެން ދެ ދާގީނާ އެވެ. އެއީ ޗެކް-އިން ކުރާ އެއް ދާގީނާއާއި އަތުން ގެންދާ އެއް ދާގީނާއެވެ. އަތުން ގެންދެވޭ ދާގީނާގެ ގޮތުގައި ބެލެވޭނީ އަތްދަބަސް، ލެޕްޓޮޕް ދަބަސް އަދި ކުޑަ ލަގެޖު ފަދަ، ފަސޭހައިން ގޮނޑީގެ ދަށުގައި ބެހެއްޓޭނެ ތަކެއްޗެވެ.
ޗެކް-އިން ކުރާ ދާގީނާގެ ގޮތުގައި ބޮޑެތި ލަގެޖާއި ދަބަސް، ކަރުދާސް ފޮށިގަނޑު އަދި ބަންދުކޮށްފައި ހުންނަ އެހެނިހެން ތަކެތި ހިމެނޭއިރު، މިފަދަ ތަކެތި ހުންނަންވާނީ އޭގެ ތެރެއިން އެއްވެސް އެއްޗެއް ބޭރުނުވާ ގޮތަށް އަދި އެހެން މީހުންގެ ދާގީނާއަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދުކޮށްފަ އެވެ. ވަކިން ހާއްސަކޮށް، މޭވާ އާއި ތަރުކާރީ ފަދަ އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ހުންނަންވާނީ ވަރަށް ރަނގަޅަށް ބަންދުކޮށްފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދާގީނާގެ ބަރުދަނާއި ސައިޒާ ގުޅޭގޮތުން އެމްޓީސީސީން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، ޗެކް-އިން ކުރާ ދާގީނާގެ ބަރުދަން 20 ކިލޯއަށްވުރެ ބަރުވެގެން ނުވާނެ އެވެ. އަދި އެފަދަ ދާގީނާގެ އުސްމިން ނުވަތަ ފުޅާމިން 24 އިންޗިއަށްވުރެ ބޮޑުވެގެން ނުވާނެ އެވެ.
އެމްޓީސީސީން ބުނީ މި އުސޫލުތަކަކީ ހުރިހާ ދަތުރުވެރިންނަށްވެސް ރައްކާތެރި، އަމާން އަދި ފަސޭހަ ދަތުރެއް ކަށަވަރުކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ އުސޫލުތަކެއް ކަމަށެވެ. އެހެންކަމުން، ކަސްޓަމަރުން ފެރީއަށް އެރުވުމަށް ގެންނަ ދާގީނާއަކީ ކުންފުނިން ކަނޑައަޅާފައިވާ މި އުސޫލުތަކާ އެއްގޮތަށް ހުރި ތަކެތިކަން ކަށަވަރުކުރުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެކެވެ.
އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ރައްޔިތުން މާލެއިން ރަށްރަށަށް ދަތުރުކުރަމުންދާއިރު، ފެރީގެ ކެޕޭސިޓީއަށްވުރެ އިތުރަށް ލަގެޖު ނޭރުވުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް އެންމެހާ ފަރާތްތަކުން ބޯލެނބުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.








