ލާމު އަތޮޅުގެ ރަށްތައް ކަނޑުގެ މަގުން ގުޅާލުމަށްޓަކައި، އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އާރުޓީއެލް) ގެ ހިދުމަތް އެ އަތޮޅުގައި މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މި ހިދުމަތް ދިނުމަށްޓަކައި ލާމު އަތޮޅުގައި ބޭނުންކުރާނީ ޒަމާނީ ފެންވަރުގެ 2 ލޯންޗެވެ. މިއީ އެއްފަހަރާ 48 މީހުންނަށް ދަތުރުކުރެވޭނެ ޖާގަ އޮންނަ ލޯންޗުތަކެކެވެ. މީގެ ތެރެއިން ކޮންމެ ލޯންޗެއްގައިވެސް 4 ޖާގަ ހާއްސަކޮށްފައިވަނީ އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
އާރުޓީއެލްގެ ހިދުމަތް ކޮންމެ އަތޮޅެއްގައިވެސް ފަށަނީ، އެ އަތޮޅެއްގެ ރައްޔިތުން މި ނިޒާމަށް އަހުލުވެރިކުރުވުމުގެ ގޮތުން އެއް ހަފުތާގެ މުއްދަތަށް ހިލޭ ދަތުރުކުރެވޭ ގޮތަށެވެ. ލާމު އަތޮޅުގައިވެސް މި މުއްދަތުގައި ރައްޔިތުންނަށް ހިލޭ ދަތުރުތައް ކުރެވޭނެ އެވެ.
2022 ވަނަ އަހަރު ރާއްޖޭގައި ފެށި އާރުޓީއެލްގެ ހިދުމަތް، މިއަދު ލާމު އަތޮޅުގައި ފެށުމާއެކު، މިހާތަނަށް ޖުމްލަ 15 އަތޮޅެއްގައި މި ހިދުމަތް ވަނީ ގާއިމުކުރެވިފަ އެވެ. މިއާއެކު ރާއްޖޭގެ 145 ރަށަކަށް މިހާރު ދަނީ މި ހިދުމަތް ފޯރުކޮށްދެމުންނެވެ.
މިހާތަނަށް މި ހިދުމަތް ނުފެށި ވަނީ މ. އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މުޅި ރާއްޖެ މި ފެރީ ނެޓްވޯކުން ގުޅާލުމެވެ.









