އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫއުގެ ދަށުން އާރުޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅުގައި މިއަދު ފަށަައިފިއެވެ.
މި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ ޒޯން ދޭއް ގައި ހިމެނޭ ބ. އަތޮޅުގައި މި ހިދުމަތް ދެވެން ފެށުމާއެކު، ބ. އަތޮޅުގައި އެއާޕޯޓް ގާއިމްކޮށްފައިވާ ދަރަވަންދޫ ހިމެނޭހެން މީހުން ދިރިއުޅޭ 13 ރަށް ގުޅާލެވިގެންދާނެ ކަމަށެވެ.
ވުޒާރާއިން ބުނީ މިއަދުން ފެށިގެން އޮގަސްޓް ތިންވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި އެއަށް ފަހު ދަތުރުތައް ކުރާނީ ޓިކެޓް ނަގައިގެން ކަމަށް ވުޒާރާއިން ބުންޏެވެ.
އާރުޓީއެލް ފެރީ ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި ނ. އާއި ރ. އަތޮޅުގައި މިހާރު ވެސް ވަނީ އާރުޓީއެލްގެ ހިދުމަތް ދޭން ފަށާފައެވެ. އަދި ބ. އަތޮޅުގައި އެ ހިދުމަތް ފެށުމުން، ޒޯން ދޭއްގެ ހުރިހާ އަތޮޅަކަށް އާރުޓީއެލްގެ ހިދުމަތް ވަނީ ފުޅާކުރެވިފައެވެ. އަދި މިއާއެކު ރާއްޖޭގެ އުތުރުގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ވަނީ ފެށިފައެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މުހިންމު މަޝްރޫއުއަށް 800 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.