ފެރީގެ ހިދުމަތާއެކު މާދަމާ ނ. އަތޮޅާއި ރ. އަތޮޅު ގުޅާލަނީ

އައިޝަތު ރުވާ ރިފްޢަތު | 3 ދުވަސް ކުރިން - 27 ނޮވެންބަރު 2025 23:51
އާރުޓީއެލްގެ ފެރީއެއް---ފޮޓޯ: އެމްޓީސީސީ
އާރުޓީއެލްގެ ފެރީއެއް---ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ގުޅުވާލުމަށް ކަނޑައަޅާފައިވާ ދެ ރަށަކީ ނ. މަނަދޫ އާއި ރ. އުގޫފާރު. މި ހިދުމަތް ދިނުމަށް އެމްޓީސީސީން ބޭނުންކުރާނީ 32 މީހުންގެ ޖާގައިގެ ސްޕީޑް ފެރީއެއް.

ދިވެހިރާއްޖެ އައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ ގޮތުން ފަށާފައިވާ މަޝްރޫއުގެ ދަށުން ނ. އަތޮޅާއި ރ. އަތޮޅު ދެމެދުގައި ފެރީ ނިޒާމު ފެށުމަށް ތައްޔާރުވެއްޖެ އެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހު މި ދެ އަތޮޅު ދެމެދުގައި ފެރީތައް ފަށާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.

މި ދެ އަތޮޅު އާރުޓީއެލް ވިއުގައިން ގުޅުވާލުމަށް ކަނޑައަޅާފައިވާ ދެ ރަށަކީ ނ. މަނަދޫ އާއި ރ. އުގޫފާރެވެ. މި ހިދުމަތް ދިނުމަށް އެމްޓީސީސީން ބޭނުންކުރާނީ 32 މީހުންގެ ޖާގައިގެ ހައި ސްޕީޑް ފެރީއެކެވެ. މި ފެރީގައި ދެ ސީޓު އެންސްޕާގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަށް ހާއްސަ ކުރެވިފައިވެ އެވެ.

ރާއްޖޭގައި އާރުޓީއެލްގެ ހިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި އަންނަ އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. ނ. އަތޮޅާއި ރ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާފައިވަނީ މި އަހަރު މެދު ތެރޭގަ އެވެ. އަދި މީގެ އިތުރުން ބ. އަތޮޅުގައި ވެސް މި ހިދުމަތް ފަށާފައިވަނީ މި އަހަރުގަ އެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށުގައި މިވަނީ އާރުޓީއެލްގެ ހިދުމަތް ފެށިފަ އެވެ.

މި ހިދުމަތް މިހާރު ނުލިބޭ އަތޮޅުތަކަކީ ކ އއ، އދ، ވ، މ، ފ، ދ، އަދި ލ. އަތޮޅެވެ.

ނ. އަތޮޅާއި ރ. އަތޮޅު ފެރީގެ ނިޒާމުން ގުޅުވާލުމާއެކު މި ދެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކާއި މަންފާތަކެއް ލިބިގެންދާނެ އެވެ.

އާރުޓީއެލްގެ ހިދުމަތަކީ އަގު ނަގައިގެން ކުރާ ހިދުމަތެއް ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ހިދުމަތް ހިލޭ ވެގެންދާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%