ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ ހުރިހާ މަޝްރޫޢުއެއް އަންނަ ފެބްރުއަރީ މަހުން ފެށިގެން ބާރު ދުވެލީގައި ހިނގައިގަންނަން ފަށާނެމކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އުލިގަމު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށްޓަކައި އިދާރީ ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށްދާ ކަމަށެވެ. މިގޮތުން ކުރީގެ އެއްބަސްވުންތައް ބާޠިލުކުރުން ފަދަ ކަންކަން މިހާރު ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް ފެބްރުއަރީ މަހު އެ މަޝްރޫޢުތައް ވަރަށް ބާރަށް ހިނގައިގަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން މިކަންކަން ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކުރާނަން. އެހެންވީމަ މިކަންކަން ހިނގައިގަންނާނެ. މިރަށުގައި ސްކޫލުގެ މަސައްކަތްވެސް މި ދެންނެވި ސިޔާސަތުގެ ދަށުން ޓަރމިނޭޓްކުރެވި އަލުން ސްޓާޓް ކުރާނަން. ރާއްޖޭގެ ހުރިހާ ރަށެއްގައި މިހެން ހުރިހާ މަޝްރޫއުއެއް ހުއްޓިފައިހުރީ މިހެންވެ. ހުރިހާ މަޝްރޫޢުތައް ސޯޓްއައުޓްކުރެވި ފެބުރުއަރީ މަހު ހުރިހާ މަޝްރޫޢުއެއް ހިނގައި ގަންނަނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، މިދައުރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ފުރިހަމަ ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމާއި، އިންޑޯ ޖިމާއެކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުތައް ހިންގާނީ ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ އާބާދީ ކުދި ރަށްރަށްވެސް ހަމަހަމަކަމާއެކު ތަރައްޤީކުރުން ކަމަށެވެ. މި ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފަށައި، ރަށްރަށުގެ ތަރައްޤީ އަވަސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.










