ހއ. މޮޅަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް މެޝިނެއް ބެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މޮޅަދޫ ރައްޔިތުންނާއި މިއަދު ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފެވެ. އަދި މޮޅަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ސިނާދެވެ.
މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތެކެވެ. މި މަޝްރޫޢު ސަރުކާރުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އިފްތިތާޙުކޮށްފައެވެ. އަދި މި މަޝްރޫޢުގެ ދަށުން އޭޓީއެމް އިމާރާތްތައް އިމާރާތްކުރުމަށް ބީއެމްއެލްއިން ވަނީ އިޢުލާންކޮށްފައެވެ.
އެގޮތުން، ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމެވެ. މިހާރު ރާއްޖޭގައި ބީއެމްއެލްގެ 190 އޭޓީއެމް ގާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ.









