ހއ. ހޯރަފުށީގައި ހުރި ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު (ކުރީގެ ޖުވެނައިލް ހާފްވޭ ހައުސް) މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މިއީ ކުޑަކުދިންގެ ޖިނާއީ ޢަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ކުދިންނަށް ފަރުވާދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒެކެވެ.
ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަނުގެ ދިދަ ނަންގަވައިދެއްވާފައެވެ
މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާނާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސިއްދީގު ބައިވެރިވެވަޑައިގެންނެވިއެވެ. މި ސެންޓަރުގައި އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ވަކިން ޚާއްޞަކޮށްފައިވާ ބްލޮކުތަކެއް ހިމެނެއެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި މަރުކަޒު ހުޅުވުމާއެކު ރިސްކުގައި ތިބި އަދި އެންމެ އިސްކަންދޭންޖެހޭ ކުދިން ނަގައި ރިހެބިލިޓޭޝަން ފަށާނެ ކަމަށެވެ. މިގޮތުން 200 އެއްހާ ކުދިން މިހާރުވެސް ލިސްޓުކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނުރައްކަލުގައި ތިބި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ދިގު މުއްދަތަކަށް ރެސިޑެންޝަލް ފަރުވާ ދިނުމަށްޓަކައމަށްޓަކައި "ލޯންގްޓާމް ރެސިޑެންޝަން ކެއާ ފެސިލިޓީ" އެއް ޤާއިމުކުރުމަށް ސަރުކާރުން ވަކި ރަށެއް ހަމަޖައްސައި، 18 އަހަރު ވަންދެން އެ ކުދިން ބެލެހެއްޓުމަށް ނިންމާފައިވާކަން ވެސް ފާހަގަކުރެވެއެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަކީ 2020 ވަނަ އަހަރު ޢަމަލުކުރަން ފެށި، ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޤާއިމްކޮށްފައިވާ އިދާރާއެކެވެ. އެއިދާރާގެ މައިގަނޑު މަސައްކަތްތައް ބިނާވަނީ ކުޑަކުދިން ކުރާ ޤާނޫނާ ޚިލާފު އަމަލުތަކާއި ގުޅޭ މައްސަލަތައް ބެލުމުގައި ކުޑަކުދިންގެ މަންފާއަށްޓަކައި މަސައްކަތްކޮށް، އެކުދިން އިޞްލާޙް ކުރުމަށްފަހު އަނބުރައި މުޖުތަމަޢަށް ގެނައުމަށް މަސައްކަތް ކުރުމެވެ.