ޤާނޫނުން ބޭރުން އެއްވެސް ކަމެއް ކުރުމަށް ފުރުޞަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޒާރު ދެއްވައިފައެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުށީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ލިބިދޭ ހުރިހާ ޙައްޤުތަކެއް ފުރިހަމައަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.
"ޤާނޫނުއަސާސީން ބޭރުން، ޤާނޫނުން ބޭރުން އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތަކެއް ކުރުމަކީ އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޤައުމުގެ ހަމަޖެހުން ނަގާލައި، ތަރައްޤީއަށް ހުރަސްއެޅުމަކީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫން ކަމަށާއި، މިފަދަ ކަންކަމުގައި އެމަނިކުފާނުގެ ޒިންމާ އަދާކުރައްވާނެ ކަމަށެވެ. އަދި ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެއް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.