އިސްރާއީލު މީހުން ގްރީންލެންޑަށް ގެންދިޔުމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ މިގޮތަށް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން މިސްރާއި އުރުދުންއަށް ފޮނުވާލުމަށް ޓްރަމްޕް ގޮވައިލެއްވުމުން އެއަށް ރައްދު ދިނުމުގެ ގޮތުންނެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އިސްރާއީލު މީހުންނަކީ އެމެރިކާއާއި ޔޫރަޕުން ފަލަސްތީނަށް އައިސް، އެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ ބައެއް ކަމަށެވެ. އެހެންކަމުން އިސްރާއީލު މީހުން އެމީހުންގެ އަސްލު ގައުމުތަކަށް ފޮނުވާލުމަށް ނުވަތަ ޑެންމާކު އަތުން އެމެރިކާ ގަންނަން އުޅޭ ގްރީންލެންޑަށް އިސްރާއީލު މީހުން ފޮނުވާލުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
އީރާން ދެކޭގޮތުގައި އިސްރާއީލަކީ ހުޅަނގުގެ މަސްލަހަތަށްޓަކައި އަދި އިސްލާމީ ދުނިޔޭގައި ހަމަނުޖެހުން އުފެއްދުމަށް މެދުއިރުމަތީގައި ހުޅަނގުން އުފައްދާފައިވާ "ކެންސަރު ސެލް" އެކެވެ. އެހެންކަމުން އިސްރާއީލަކީ އިސްލާމީ ދުނިޔޭގެ ޖިސްމުން ނައްތާލަންޖެހޭ ބަލިމަޑުކަމެއް ކަމަށް އީރާނުން ދެކެއެވެ.








