މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަސައްކަތް މިއަހަރު މެދުތެރޭގައި ފަށާނެކަމަށް ރައީސް އިޢުލާންކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 144 ދުވަސް ކުރިން - 29 ޖެނުއަރީ 2025 00:54
ރައީސް ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައިސް އޮފީސް
ރައީސް ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައިސް އޮފީސް
ޚުލާސާ

މި މަޝްރޫޢުގެ ތެރޭގައި ބައިނަލްއަޤްވާމީ ޕޯޓު ފެސިލިޓީ ތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތާއި، ބަންކަރިންގ ޚިދުމަތާއި، ކުރޫޒު ޓޫރިޒަމް ތަރައްޤީ ކުރުމާއި، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއް ތަރައްޤީކުރުން ހިމެނޭ.

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. ހޯރަފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ފުރުޞަތުތައް ތަނަވަސް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އުންމީދު ބޮޑު މަޝްރޫޢުއެއްކަން ފާހަގަކުރައްވާފައެވެ. "އަޅުގަނޑުމެން ކަންކަން ކުރާނީ ހަގީގީ މާނާގައި ޑެލިވަރީކޮށް ނަތީޖާ ނެރުމަށް. އިރާދަކުރެއްވިއްޔާ މިސަރަހައްދަށް، މިރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއްކުރާނެ މަޝްރޫޢުއަކަށް މިކަންކަމީ އަޅުގަނޑު ޔަޤީންކުރާކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ތެރޭގައި ބައިނަލްއަޤްވާމީ ޕޯޓު ފެސިލިޓީ ތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތާއި، ބަންކަރިންގ ޚިދުމަތާއި، ކުރޫޒު ޓޫރިޒަމް ތަރައްޤީ ކުރުމާއި، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއް ތަރައްޤީކުރުން ހިމެނެއެވެ. މި މަޝްރޫޢުއާއެކު ހޯރަފުށީ ސަރަހައްދަށާއި މުޅި ރާއްޖެއަށް ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ފަހިވާނެ ކަަމަށް ރައިސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި އިހަވަންދިއްޕޮޅުން މި މަޝްރޫޢަށް ކަނޑައަޅާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް، މި ކުންފުންޏަށް ދެއްވާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މި މަޝްރޫޢު ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%