ދުލަކީ ވެސް އިންސާނާގެ އެހެނިހެން ގުނަވަންތައް ވެސް ޖަވާބުދާރީ ވާންޖެހޭނެ ފަދައިން ޤިޔާމަތް ދުވަހުން ޖަވާބުދާރީ ވާންޖެހޭނެ އެއްޗެކެވެ. ރާއްޖޭގައި ޑިމޮކްރަސީ ފައްކާ ވާންޖެހޭނީ، މީސްތަކުންގެ އަބުރު ރައްކާތެރި ކުރެވޭނެ އިސްލާމީ ތަރަހައިގެ ތެރެއިންނެވެ.
ޝަރްޢުގައި އަބުރާއި ބެހުމަކީ ޖިނާޢީ ކުށެކެވެ. ހުޅަނގުގެ ޑިމޮކްރަސީގައި ދުލަކީ އަމާނާތެއް ނޫނެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު ބުނާއެއްޗެއް ނުވަތަ ގޮވާ އެއްޗެއް ސާބިތު ކޮށްދެވޭނެ ހެކި ނެތްނަމަ ސިޔާސީ މީހުންގެ ދޯކާގައި ޖެހިގެން ނުވަތަ ޒުވާން ކަމުގެ ދޯކާގައި ޖެހިގެން ނަމަވެސް އެނޫން ނުފޫޒެއް އޮތް ނަމަ ވެސް އަދި ބޭނުމެއް އޮތް ނަމަ ވެސް އެއްވެސް އިންސާނަކަށް ރައްދުވާ ގޮތަށް ރައްދުވާ މީހާ ނުރުހިދާނެ އެއްޗެއް ގޮވުމަކީ ނުވަތަ ބުނުމަކީ ﷲسبحانه وتعالى ނަހީ ކުރައްވާފައިވާ ކަމެކެވެ.
އަޅުގަނޑަކީ މުސްލިމެކޭ ބުނާ މީހާގެ ކިބައިން މުސްލިމެއްގެ ގައިން ފެންނަން ނުޖެހޭ ސިފަތަކެއް ފެނުމަކީ އެމީހެއްގެ އީމާންކަން ފުރިހަމަ ނުވާ ކަމަށް ދަލީލު ކޮށްދޭނެ ކަމެކެވެ. ރީތި އަޚްލާޤާއި ހެޔޮ ތަރުބިއްޔަތު ލިބިފައި ނުވާ އިންސާނެއްކަން ދޭހަ ކޮށްދޭނެ ކަމެވެ.
ޑިމޮކްރަސީ އަކީ ދުލާއި އެނޫން ގުނަވަންތައް ތިމާއަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ޖަޒްބާތުވުމެއް ވެސް ނޫނެވެ. އަދި ބުއްދިއަށް ވުރެ ކުރިއަށް ދުލާއި އަތްފައި ޙަރަކާތް ކުރުވުމެއް ވެސް ނޫނެވެ. އެހެން ނަމަވެސް MDP ވެރިކަން ކުރި ދެދައުރުގައި ވެސް ސަރުކާރު ހިންގުމުގެ ސިޔާސަތުގެ ބައެއް ގޮތުގައި ޢަބުރު ކަތިލުން ހިމެނިފައި އޮތްކަން ފާހަގަ ކުރެވުނެވެ.
މިއީ އިސްލާމީ ދައުލަތެއް ކަމަށް ވުމުން މިދައުލަތަށް ނިސްބަތްވާ ކޮންމެ ރައްޔިތެއްގެ އަބުރާއި މުދަލާއި ފުރާނަ އަށް ޤަދަރު ކުރުމަކީ ކޮންމެ ރައްޔިތަކަށް މުހިއްމު ކަމަކަށް ވާންޖެހެއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ވެސް އެގޮތަށް ހުންނަން ޖެހެއެވެ. ރުޅިއަކީ އަދި ބަދަލު ހިފުމަކީ ކަންކަން ހައްލު ކުރުމަށް އޮންނަ އެންމެ ރަނގަޅު ޓޫލްސް އެއް ނޫނެވެ. އިޙްތިރާމާއެކު އަޑު އަހައިގެން ވާހަކަ ދެކެވިގެން ޚިލާފްތައް ހައްލު ކުރުން މުހިއްމު ކަމަކަށް ހެދުމުގެ ވިސްނުން އިސްކުރަން ޖެހެއެވެ. ޢިލްމީ މީހުންނާއި ތަޖުރިބާ ހުރި މީހުން ވެރިން ގޮތުގައި ތިބެ ކިޔަވައިގެން ތިބި ޒުވާން ޖީލުގެ ޝަޚްޞިއްޔަތު ހަރުދަނާ ކޮށްދޭން ޖެހެއެވެ. ދުލަކީ އިންސާނުންނަށް މާތްﷲ ދެއްވި ވަރަށް އަގުހުރި ގުނަވަނެކެވެ. އެއްވެސް އާރެއް ބާރެއް ނެތް ނިކަމެތި މަސްކޮޅެކެވެ. އަދި އެހާމެ ބާރުގަދަ ގުނަވަނެއް ވެސް މެއެވެ. ދުލުން ބޭރުވެގެންދާ ކޮންމެ ބަހަކީ ލިޔެ ރައްކާ ކުރެވިގެންވާ އެއްޗެކެވެ. މިކަން ކުރުމަށްޓަކައި މާތްﷲ ވަނީ މަލާއިކަތުންތަކެއް ޢައްޔަން ކުރައްވައި އެކަމަށް ޢަމުރު ކުރައްވާފައެވެ. މިގޮތުން މާތްﷲ ވަޙީ ކުރައްވަނީ:
مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ
މާނައީ “ކުރާ عمل ތައް ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އޭނާ އަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ"
. އެހެން ކަމުން ޑިމޮކްރަސީ އަށްޓަކައި އަޑު އުފުލާ ކޮންމެ މީހަކު ވެސް ދުލާއި ބުއްދި އާއި އަބުރަށް ރައްކާތެރިވެ އަމާނާތްތެރި ވުމަށް ސަމާލުވުމަށް އެދެމެވެ. (ޢއ)



