ފެނަކަ ޚިޔާނާތަކީ އެމްޑީޕީން ހިންގި ކޮރަޕްޝަނުގެ ބައިކުޅަބައެއް

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 29 ސެޕްޓެންބަރު 2025 14:59
ފައްޔާޒު އިސްމާއިލް (ކ)، އިބްރާހިމް މުހައްމަދު ސޯލިހު (ވ). - ޚުލާސާ ގްރެފިކްސް
ފައްޔާޒު އިސްމާއިލް (ކ)، އިބްރާހިމް މުހައްމަދު ސޯލިހު (ވ). - ޚުލާސާ ގްރެފިކްސް
ޚުލާސާ

ޤައުމު ކުރިއެރުވޭނީ އެމްޑީޕީގެ ވެރިކަމުގައި ހިންގިހާ ހަޑިތައް ހާވައި، ބަލައި، ފިޔަވަޅު އަޅައިގެން.. ފެނަކަ ޚިޔާނާތަކީ އެމްޑީޕީން ހިންގި ކޮރަޕްޝަނުގެ ބައިކުޅަ ބައެއް.

ކޮރަޕްޝަނަކީ މި ރާއްޖޭގައި މިއަދަކު ޢާންމުވީ ކަމެއް ނޫންކަން އެންމެނަށް ވެސް އެނގެއެވެ. ކޮރަޕްޝަން ހުއްޓުވުމުހެ ނަމުގައި މަލްޓިޕާޓީ ޑިމޮކްރަސީގައި އެންމެ ފުރަތަމަ އުފެދުނު ސަރުކާރުން ވެސް “ބިންސި” ކިޔުމުގެ ބަދަލުގައި ފުރަތަމަ ހިންގީ ވެސް ކޮރަޕްޝަނެވެ. ވަކި ބަޔަކަށް މަންފާވާ ގޮތަށް ގުޅީފަޅު ހިއްކުމާއި، ޖީއެމްއާރަށް ދިވެހި ރައްޔިތުންގެ މައި ދޮރާށި ވިއްކައިލިކަން އެއްވެސް ދިވެއްސަކު ހަނދާނުން ފިލައިގެނެއް ނުދެއެވެ. އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި މިފަދަ ކަންކަން އެބަ ފެނެއެވެ. ކޮނުނު ވަރަކަށް ފަސް ގިނަވާހެން، ފައިލްތައް ހޭވި ވަރަކަށް މި ފެންނަނީ “ރީނދޫ ހުން ޖެހިފައިވާ މީހުން” ހިންގާފައިވާ ކޮރަޕްޝަނެވެ.

މިހާރު ފެންމަތިވެގެން މިއުޅޭ ފެނަކައިގެ ކޮރަޕްޝަން 2.2 ބިލިއަން ރުދިޔާ އަކީ އެމްޑީޕީ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ ކުޑަ މިންވަރެއް ކަމަށް ބެލެވޭނެއެވެ. މިފަދަ ކޮރަޕްޓު ޢަމަލުތަކުގެ ސަބަބުން މުޅި ނިޒާމު އެއްކޮށް މަސްހުނިވެ، ޤައުމުގެ ހިންގުން ނުތަނަވަސްކޮށްލާފައިވާކަން ފާހަގަކުރެވެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ފެނަކައިގެ ބޮޑު ޚިޔާނާތާއި ގުޅޭގޮތުން ހާމަވެފައިވާ މަޢުލޫމާތުތަކުން މިކަން އިތުރަށް ސާފުވެގެންދެއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢާންމުކޮށްފައިވާ އެ ކުންފުނީގެ ޚާއްޞަ އޮޑިޓް ރިޕޯޓުން ހައިރާންކަން އުފައްދާ ކަމަކީ، މި ޚިޔާނާތް ހިންގީ އެމްޑީޕީގެ ސަރުކާރަށް އެކަން ސާފުކޮށް އެނގި ތިބެ އެއްވެސް ފިޔަވަޅެއް ނާޅ.ާތީއެވެ އަދި އެ ސަރުކާރުގެ ތެރޭގައި ތިބި ބައެއް ފަރާތްތަކަށްވެސް އެކަމުގެ ފައިދާ ވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ. ސަހަރޯއެވެ.

އެމްޑީޕީގެ މިދިޔަ ސަރުކާރުގެ ތެރޭގައި ހިންގަމުން ދިޔަ ވައްކަން ތަކަކީ ވެރިންނަށް ވެސް އެނގި ތިބެ ކުރި ކަންކަން ކަމަށް ބެލެވެއެވެ. އިންތިޚާބުތަކުގެ ދުވަސްވަރު ވެރިކަން ހޯދަން އުޅޭއިރު، ކޮރަޕްޝަނާއި ދެކޮޅު ކަމަށް ވާހަކަތައް ދެއްކި ނަމަވެސް، އެމްޑީޕީހެ ވެރިކަމުގައި މި ފެނުނީ ސޯބުތައް ދިމާ އެހެން ގޮތަކަށް އެނބުރުނު މަންޒަރެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ތެރެއިން ފެނަކައިގެ ކޮރަޕްޝަން މައްސަލަ ފެންމަތިވިއިރު، އެކަން ނުބެލިއެވެ. ޞާލިޙް ވިދާޅުވީ، ފެނަކައިގެ ވެރިޔާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އެ ވިދާޅުވި އިތުބާރަކީ ތިމަންނާއަށް 1 ބިލިއަން ރުފިޔާ ދޭށޭ ފެނަކައިގެ ބޮޑުމީހާގެ ކައިރީގައި ބުނީމާ އޭނާ އެ 1 ބިލިއަން ރުފިޔާ ވަގަށް ނަގާފައި (އިބޫ)އަށް ދޭނެކަން ޔަޤީންވާ ކަމަށް ވުން ވެސް ފަހަރުގައި ވެދާނެއެވެ.

އޭރުގެ އޭސީސީގެ ރައީސް، ރައީސް ޞާލިޙްގެ ސަމާލުކަމަށް ކަޅާއި ހުދުން ފެނަކައިގައި ވައްކަން ހިންގާކަން ގެނެސްދެއްވާފައިވާ ކަމަށާއި، އެކަން ދޫކޮށް ނުލެއްވުމަށް އަންގާފައިވާކަން ފާހަގަކުރެވެއެވެ. ހަމަ އެގޮތަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސިޓީފުޅަކުން އެކަން އެނގެވީމަ އެބޭފުޅާ “ލުއްސާލައްވައި” ރައީސް އޮފީހަށް ބަދަލުކުރެއްވިކަން ވެސް ހާމަވެއެވެ. މިއިން އެނގިގެންދަނީ މިކަންކަން ހިނގާފައިވަނީ ވެރިންނަށްވެސް އެނގިތިބެ ކަމެވެ.

އަދުގެ ސަރުކާރުން ވެރިކަމާއި ޙަވާލުވިއިރު، ފެނަކަ ހިމެނޭހެން އެތައް ކުންފުންޏެއް އޮތީ ދަރުވާލާފައެވެ. ގިނަ ކުންފުނިތައް ހުރީ “އުނގުރި”ތައް ނެއްޓި އަޑިޔަށްދާ ހިސާބުގައެވެ. ކޮވިޑުހެ ނަމުގައި 8 ބިލިޔަން ރުފިޔާ ޗާޕް ކުރިއިރު، އެއިންވެސް ބޭނުންކުރީ މަދު ޢަދަދެއްކަމަށް ފާހަގަކުރެވެއެވެ.

އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން ކޮރަޕްޝަނުގެ ބޮޑެތި ޖަރީމާތައް ހިންގާފައިވާއިރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އެ ކޮރަޕްޝަނުގައި ބައިވެރިވި ކަމަށް އެއްބަޔަކު ތުހުމަތުކުރޭ!. އެ މައްސަލަތައް ބެލުމަށް ގިނަ ބަޔަކު ދަނީ ގޮވަމުން.

މީގެ އިތުރުން ނުއަގުގައި އެތައް ކަމެށް ފަށައި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުގެ ހުރިހާ ވަޞީލަތްތައް ބޭނުންކޮށް ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތަކެއް ހިންގާފައިވާ ކަމަށާއި، އެކަންކަން ކުރަމުން ދިޔައީ ވެރިކަމުގައި ދެމިތިބެވޭނެ ކަމުގެ އުންމީދުގައި ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ޕީޕީއެމް ސަރުކާރުން ޖަމާކުރި އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ ރިޒާވް އަށް ވެސް ވީނުވީއެއް ނޭނގެއެވެ. ފެނަކައަށް އެކަނި ބެލިޔަސް، މި ހުރިހާ ކޮރަޕްޝަންގެ ކަންކަމާއި ކުންފުނިތައް ދަރުވާލުމާއި ރިޒާވް ހުސްކޮށްލުމާއި، އެސްޑީއެފް ހުސްކުރުމާއި ދިވެހި ރުފިޔާގެ އަގު ވައްޓާލުމާއި ނުކަތާ ވަރަށް ކަންތައްތައް ކޮށް، ނުއަގުގައި ނެތް ފައިސާއިން ބަޖެޓުގައި ވެސް ޖެހުމއއް ނެތި ކަންކަން ހިންގުމުގެ ސަބަބުން މުޅި ނިޒާމު މަސްހުނިކޮށްލާފައިވާކަން ފެނެއެވެ.

މުޅި ނިޒާމުގެ ތެރެއިން ހިންގާފައިވާ އެފަދަ އެތައް ޢަމަލެއް ފެންނަން ހުރިއިރު، އެއިން ކޮންމެ ކަމަކީވެސް ބަލަން ޖެހޭ ކަމެކެވެ. ތަހުޤީގުތަކަށްފަހު ކޮރަޕްޝަންގެ ޢަމަލުތަކުގެ ގޮތުގައި ހިންގާފައިވާ ކަންކަމަށް ފިޔަވަޅު އަޅަންޖެހެއެވެ.

އަދުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުޞަތު ނުދޭނެ ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެފަދަ ޢަމަލެއް ސަރުކާރުގެ ތެރެއިން ހިނގާކަން އެނގިވަޑައިގަންނަވާނަމަ، ވަގުތުން ފިޔަވަޅު އަޅުއްވާނެކަމުގެ އުންމީދު ބޮޑެވެ. އެ ކަން އެ މަނިކުފާނު ވަނީ ދައްކައިދީފައެވެ. އެއީ ތެޔޮ ވިއްކި މީހުން ކަމުގައި ވިޔަސް، އެޗްޑީސީ ކަމުގައި ވިޔަސް، އަދި ކިއެއްތަ، އިމިގްރޭޝަނާއި ފުލުހުން ކަމުގައި ވިޔަސް ރައީސް މުޢިއްޒު ވަނީ އެ މަނިކުފާނުގެ ހިނގަމުން މިދާ ޒަޢާމަތުގައި ކޮރަޕްޝަން ހިންގި ބަޔަކަށް ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާފައެވެ.

އެހެންކަމުން، ޤައުމު ކުރިއަރުވައި، ރައްޔިތުންގެ ހައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ކޮރަޕްޝަނާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅު އެޅުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. މިކަންކަން ކުރެވޭނީ ފާއިތުވީ ވެރިކަމުގައި ހިންގިހާ ހަޑިތައް ހާވައި، ބަލައި، ފިޔަވަޅު އަޅައިގެންނެވެ. ފެނަކަ ޚިޔާނާތަކީ އެމްޑީޕީން ހިންގި ކޮރަޕްޝަނުގެ ބައިކުޅަ ބައެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%