ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ މަސައްކަތްތަކާއި ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފިއެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު ސުޕްރީމް ކޯޓުގައި 84 މައްސަލައެއް ނުނިމި ހުއްޓެވެ.
ކޯޓުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، 2024 ވަނަ އަހަރު ޖުމްލަ 149 މައްސަލައެއް ހުށަހެޅުމުގެ ހުއްދަ އާއި މެދު ގޮތެއް ނިންމުމަށް ހުށަހެޅުނެވެ. މީގެ ތެރޭގައި ހިމެނެނީ 2023 ވަނަ އަހަރުން ލަސްވެފައިވާ 12 މައްސަލައާއި 2024 ގައި އަލަށް ހުށަހެޅުނު 137 މައްސަލައެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ޖިނާއީ 24 މައްސަލަ، މަދަނީ 90 މައްސަލަ، އާއިލީ އެއް މައްސަލަ، ދުސްތޫރީ 2 މައްސަލަ، އިންތިޚާބާއި ގުޅޭ 4 މައްސަލަ އަދި ސުޕްރީމް ކޯޓުގެ ނިންމުން އަލުން މުރާޖަޢާކުރުމަށް އެދި ހުށަހެޅުނު 16 މައްސަލަ ހިމެނެއެވެ.
2024 ވަނަ އަހަރު ސުޕްރީމް ކޯޓުގައި 54 އައު މައްސަލަ ރަޖިސްޓްރީ ކުރެވުނެވެ. މީގެ އިތުރުން 2023 އިން ލަސްވެފައިވާ 99 މައްސަލަ އާއި އެކު ޖުމްލަ 153 މައްސަލައެއްގައި ގޮތެއް ނިންމަން ޖެހުނެވެ.
މިދިޔަ އަހަރު 63 މައްސަލައެއްގައި ގޮތް؟ ނިންމާފައިވާއިރު، 6 މައްސަލައެއް ހުށަހެޅި ފަރާތްތަކުން އަނބުރާ ގެންގޮސްފައިވެއެވެ. މިގޮތުން ޖުމްލަ 69 މައްސަލައެއްގައި ގޮތެއް ނިންމާފައިވާކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
2024 ވަނަ އަހަރު ނިމުނުއިރު ނުނިމި ހުރި 84 މައްސަލައިގެ ތެރޭގައި ހިމެނެނީ ޖިނާއީ 11 މައްސަލަ، މަދަނީ 65 މައްސަލަ، ދުސްތޫރީ އެއް މައްސަލަ، ނިހާއީ ޙުކުމް ކަނޑައެޅުމުގެ 3 މައްސަލަ އަދި ސުޕްރީމް ކޯޓުގެ ނިންމުމެއް އަލުން މުރާޖަޢާކުރުމަށް އެދި ހުށަހަޅާފައިވާ އެއް މައްސަލައެވެ.









