ހއ. އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތި އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މި އެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލް އެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް އެވެ.
މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމެވެ.
މިވަގުތު އެމްއައިބީގެ 39 އޭޓީއެމް އެއްގެ ޚިދުމަތް އަންނަނީ ދެމުންނެވެ. އަދި 19 ރަށެއްގައި އިތުރު 23 އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އެ ބޭންކުން އަންނަނީ ކުރަމުންނެވެ.