މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދެމުން އަންނަ ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ޒަމާނީ ބަދަލުތަކާއެކު އެ ބޭންކުގެ މޮބައިލް އެޕްލިކޭޝަން "ފައިސާ މޮބައިލް އެކްސް 2.0" ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މިއީ ކަސްޓަމަރުންނަށް ކުރިއަށްވުރެ ފަސޭހަ، އަވަސް އަދި ރައްކާތެރި ބޭންކިން ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި އެމްއައިބީން ގެނައި ބޮޑު އަޕްގްރޭޑެކެވެ. މިއާއެކު ޑިޖިޓަލް ބޭންކިންގެ ދާއިރާއިން އެ ބޭންކުން ދޭ ހިދުމަތްތައް އާ އުސްމިންތަކަކަށް ފޯރައިގެންދާނެއެވެ.
އަލަށް ތައާރަފުކުރި އަޕްގްރޭޑާއެކު އެޕްލިކޭޝަން ބޭނުންކުރަން އިތުރަށް ފަސޭހަކުރުމުގެ ގޮތުން އެޕްގެ ޔޫސާ އިންޓަފޭސް ވަނީ އެއްކޮށް އަލުން ފަރުމާކޮށްފައެވެ. މީގެ އިތުރުން ފައިސާ ފޮނުވުމުގެ މުއާމަލާތްތައް އަވަސްކުރުމަށްޓަކައި އެކައުންޓް ނަމްބަރާއި ނަން ސާޗުކޮށްގެން ފައިސާ ފޮނުވޭ 'ސްމާޓް ސާޗް' ފީޗާގެ އިތުރުން، ބޭރު ގައުމުތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ 'ފައިސާ ރެމިޓް' އިންޓަނޭޝަނަލް ރެމިޓެންސްގެ ހިދުމަތް ވެސް މިހާރު ވަނީ އެޕަށް އިތުރުކޮށްފައެވެ.
އެމްއައިބީން މަސައްކަތް ކުރަމުން އަންނަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންގެ ބޭންކިން ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށެވެ. އެގޮތުން، މި އާ އަޕްގްރޭޑުގައި ކަސްޓަމަރުންގެ މައުލޫމާތާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޕްލިކޭޝަންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާނެކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. އަދި ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް އިތުރު ލުއިފަސޭހަކަން ގެނެސްދޭނެ އާ ގިނަ ހިދުމަތްތަކެއް ކުރިއަށް އޮތް ތަނުގައި މި އެޕް މެދުވެރިކޮށް ތައާރަފުކުރެވިގެންދާނެ ކަމަށްވެސް އެމްއައިބީން ހާމަކުރެއެވެ.









