މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރުގެ ކުންފުނިތަކުން މުޅި ޖުމްލަ 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައި، އޭގެ ތެރެއިން 15 ކުންފުންޏަކުން ޖުމްލަ 2.05 ބިލިއަން ރުފިޔާގެ ސާފު ފައިދާ ރެކޯޑު ކޮށްފައިވާ ކަމަށް ކުންފުނިތަކުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ޕީސީބީން އާންމުކުރި މާލީ ހިސާބުން ދައްކާ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހޯދާފައިވަނީ 4.02 ބިލިއަން ރުފިޔާއާއެކު އެސްޓީއޯ އިންނެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ކުރި އެރުމެއް ހޯދާފައިވަނީ 42 އިންސައްތަ ކުރިއެރުމަކާއެކު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންނެވެ.
ދައުލަތުގެ 12 ކުންފުންޏަކުން 281 މިލިއަން ރުފިޔާގެ ގެއްލުން ރެކޯޑުކޮށްފައިވާއިރު މީގެ ތެރެއިން ގިނަ ކުންފުނިތަކަކީ ރައްޔިތުންނަށް ހެޔޮ އަގުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގެ ސާފު ފައިދާ ވަނީ 10 އިންސައްތަ އިތުރުވެފަ އެވެ. މިކަމުން ދޭހަ ވަނީ ކުންފުނިތަކުގެ އާމްދަނީ ދަށްވި ނަމަވެސް ހަރަދުތައް މެނޭޖްކުރެވި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރެވި، ހަރަދު ކުޑަކުރެވެމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާކަން ކަމަށް ޕީސީބީ އިން ހާމަކުރެ އެވެ.
ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ފައިދާއެއް ހޯދާފައިވަނީ އެމްއޭސީއެލް އިންނެވެ. މުޅި ޖުމްލަ 572 މިލިއަން ރުފިޔާގެ ފައިދާއެއް އެމްޓީސީސީ އަށް ލިބިފައިވާއިރު 113 މިލިއަން ރުފިޔާއާއެކު އެންމެ ބޮޑު ގެއްލުމެއް ރެކޯޑު ކުރެވިފައިވަނީ އާރުޑީސީ އިންނެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އެޗްޑީސީ އިންނެވެ. 268.5 މިލިއަން ރުފިޔާގެ ފައިދާއެއް އެޗްޑީސީން ހޯދާފައިވާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ ބަލާއިރު 190 އިންސައްތަ ކުރިއެރުމެކެވެ. 2024 ވަނަ އަހަރުގެ ސެކްޓާ ރިޕޯޓުގައި އެޗްޑީސީއަށް ލިބިފައިވާ މާލީ ގެއްލުމުގެ އަދަދަކީ 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ނިމުމުގެ ކުރިން ކުންފުނިން ފޯރުކޯށްދީފައިވާ ޕްރޮވިޝަނަލް އަދަދުތަކަށް ބިނާކޮށ ހިމެނިފައިވާ އަދަދެކެވެ.
ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ޖުމްލަ ހަރުމުދަލުގެ އަގަކީ 205.24 ބިލިއަން ރުފިޔާ އެވެ. ކުންފުނިތަކުގެ ދަރަނި އިތުރުވެފައިވާ މިންވަރަށްވުރެ ބޮޑަށް، ހަރުމުދާ އިތުރުވެފައިވުމުން ކުންފުނިތައް ފުޅާވެ ކުރިއެރުމަށް ދަރަންޏަށް ބަރޯސާވުން ދަށްވެފައިވާކަން ޕީސީބީން ފާހަގަކުރެ އެވެ.
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން 25 އިންސައްތަ ކުންފުންޏަކީ އެއްވެސް ވަރަކަށް ދަރަނި ނަގާފައިނުވާ ކުންފުނިތައް ކަމަށް ވެސް ޕީސީބީން ހާމަކޮށްފައިވެ އެވެ.
2023 ވަނަ އަހަރު، މިހާރުގެ ސަރުކާރު އައުމާއެކު ދައުލަތުގެ ހަރަދު ކުޑަކޮށް ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުމަށް ބޮޑު އިސްކަމެއް ވަނީ ދީފަ އެވެ. އަދި ބޮޑެތި މަޝްރޫއުތައް މެދުކަނޑާލުމަށް ފަހު އަލުން މަސައްކަތް ފަށާފައިވަނީ މިއަހަރު ތެރޭގަ އެވެ.






