އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 ގެ "ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް" ބ. ކަމަދޫގައި ހިންގަމުން އަންނަ "ސްވަރން ބައި ދަ ހޯކްސް ހޮޓެލްސް" އިން ކާމިޔާބުކޮށްފިއެވެ. މި އެވޯޑަކީ މުޖުތަމައުގެ ކުރިއެރުމަށާއި އިޖުތިމާއީ ޒިންމާ އަދާކުރުމުގައި އެ ހޮޓަލުން ދައްކުވައިދީފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ އެވޯޑެކެވެ.
ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ ގުދުރަތީ ރީތިކަމުގެ ތެރޭގައި ހިންގާ ސްވަރން ބައި ދަ ހޯކްސް ހޮޓެލްސް މަޝްހޫރުވެފައިވަނީ، ޒަމާނީ ފަސޭހަތަކާއެކު ދިވެހީންގެ ޒަމާންވީ މެހެމާންދާރީގެ ހޫނު އިހުސާސް ފަތުރުވެރިންނަށް ގެނެސްދޭ ތަނެއްގެ ގޮތުގައެވެ. ދޮންވެލި ގޮނޑުދޮށްތަކާއި މުއްސަނދި ކަނޑުފަޅުގެ ދިރުންތަކުން މުއްސަނދިވެފައިވާ މި ހޮޓަލުން އަންނަނީ ކަމަދޫގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
މި އެވޯޑަކީ ކަމަދޫގެ ރައްޔިތުންނާ ގާތްގުޅުމެއް ބާއްވައި، ރަށުގެ އެކިއެކި އިޖުތިމާއީ ހަރަކާތްތަކަށާއި ތަރައްގީގެ ކަންކަމުގައި އެ ހޮޓަލުން ވެދެމުންދާ އެހީތެރިކަމަށް ލިބުނު ބޮޑު ޝަރަފެކެވެ. ހޮޓަލުގެ މެނޭޖުމަންޓުން ފާހަގަކުރާ ގޮތުގައި ފަތުރުވެރިކަމަކީ ހަމައެކަނި ޚިދުމަތް ދިނުން ނޫން ކަމަށާއި، ރަށުގެ ސަގާފަތާއި އާދަކާދަތައް ފަތުރުވެރިންނަށް ތަޖުރިބާކޮށްދީ، މުޖުތަމައުގެ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަކީ އެ ހޮޓަލުގެ މައިގަނޑު އަމާޒެވެ.
މި އެވޯޑް ލިބުމާ ގުޅިގެން ސްވަރން ބައި ދަ ހޯކްސް ހޮޓެލްސް އިން ވަނީ މިއީ އެ ހޮޓަލުގެ ހީވާގި ޓީމުގެ ބުރަ މަސައްކަތާއި، ރަށުގެ މުޖުތަމައުން ދެއްވާ އެއްބާރުލުމުގެ ނަތީޖާކަން ފާހަގަކޮށް، މުވައްޒަފުންނަށާއި ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޒިންމާދާރު ފަތުރުވެރިކަމެއް ކުރިއެރުވުމަށާއި، މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ހޮޓަލުން ވަނީ ދީފައެވެ.



