ރައީސް، މާރަންދޫ ޕޮލިސް ފޯސްޓް ހުޅުވައިދެއްވައިފި

އާނާ ފަހީމް | 372 ދުވަސް ކުރިން - 29 ޖެނުއަރީ 2025 16:34
ރައީސް މާރަންދޫ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް މާރަންދޫ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މާރަންދޫގައި ފުލުހުންގެ ޕޯސްޓެއް ހުޅުވާފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން.

ހއ. މާރަންދޫގައި ޤާއިމްކުރި ޕޮލިސް ޕޯސްޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި ޕޮލިސް ޕޯސްޓު ހުޅުވާފައިވަނީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާރަންދޫއަށް ވަޑައިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ފުލުހުންގެ މަރުކަޒު ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެތަނުގެ ދިދަވެސް ނަންގަވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އާއި ފުލުހުންގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މާރަންދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަކީ ރައީސްގެ ވަރަށް މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތްތައް ދޭން މިހާރު ވަނީ ފަށާފައެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ. މި މަސައްކަތުގެ ތެރެއިން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%