މާރަންދޫގެ ބަނދަރު މަޝްރޫޢު ނިންމައިދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފިއެވެ.
ހއ. މާރަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާރަންދޫގެ ބަނދަރު މަޝްރޫޢު ހިމެނޭހެން ނިމިދިޔަ އަހަރުގެ ބަޖެޓުގައި ގިނަ މަޝްރޫޢުތަކަށް ފައިސާ ހިމަނާފައި ނުވާ ކަމަށާއި، މި ސަރުކާރުން އެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަށް ޖާގަ ހަދާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް ސަރުކާރުން ވަރަށް ސީރިއަސްކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެ ކަންކަމުގައި ޢަމަލީ ސިފަ ޖެހިގެންދާނެ ކަމަށެވެ.
އެގޮތުން، ނިމިދިޔަ ސަރުކާރުން އެކި ރަށްތަކުގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް އެއް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މަސައްކަތްތައް މިހާރު ހުއްޓިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ އަހަރު ކަންކަން ނުވެ ދިޔަ ސަބަބު ރައްޔިތުންނަށް ސާފުވާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށާއި، ކުރީގެ ސަރުކާރުން ވިސްނުންތެރިކަމެއް ނެތި ފަށާފައިވާ މަޝްރޫޢުތަކާއި ގިނަ މައްސަލަތަކެއް ހުރި މަސައްކަތްތަކަށް ޙައްލު ހޯދަން ޖެހުނު ކަމަށެވެ.
މާރަންދޫ ސްކޫލުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އެއް ކުންފުންޏަކާ އެ މަސައްކަތާއި އެހެނިހެން ރަށްތަކުގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށާއި، އެ ކަންކަން މިހާރު ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން ވަނީ އެ ކަންކަން ކުރިއަށް ގެންދެވޭނެ މަގެއް ހޯދާފައި ކަމަށެވެ. އަދި މަޝްރޫޢު ހަވާލުކޮށްފައިވާ ފަރާތުން އެ ކަންކަން ކުރިއަށް ނުގެންދާނަމަ އެއްބަސްވުން ބާޠިލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.










