ސަރުކާރުން ރާއްޖޭގެ 57 ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދަން ބީލަމަށް މިއަދު ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަޝްރޫއުގައި ހިމެނެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 12،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު ރާއްޖޭގެ 57 ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އިއުލާންކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ކަނޑައަޅާފައިވާ ކެޓަގަރީތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އަށް ހުޅުވާލެވޭ ކޮންޓްރެކްޓްތަކަށް ހާއްސަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ މަހު އިއުލާން ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އުތުރުގައި 20،000 ހައުސިން ޔުނިޓާއި ދެކުނުގައި 20،000 ހައުސިން ޔުނިޓް އަޅަން ވައުދުވެވަޑައިގެންފަ އެވެ.









