ރާއްޖެއާއި ޗައިނާ ދެމެދު އޮތީ ބަދަހި ގުޅުމެއް ކަމަށާއި ޗައިނާގެ މިފެށޭ އައު އަހަރާއެކު، މިގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޗައިނާގެ އައު އަހަރާއި ދިމާކޮށް އެ ޤައުމުގެ ރައީސް ޝީ ޖިންޕިންއަށް ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ރައްޔިތުންނަށް ވެސް އައު އަހަރުގެ ތަހުނިއްޔާ ފޮނުއްވާފައެވެ. އަދި މިއަހަރަކީ ޗައިނާގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ލިބިގެންދާނެ އަހަރެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ބަދަހި ގުޅުން ފާހަގަކުރައްވައި، ދެ ޤައުމުގެ މިގުޅުން ބިނާވަނީ އިޙްތިރާމާއި ދެ ޤައުމު ދެކެން ބޭނުންވާ ކަންކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިފެށޭ އައު އަހަރާއެކު މިގުޅުން އިތުރަށް ބަދަހިވެ ދެ ޤައުމަށް ވެސް އިތުރު ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޗައިނާއަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. އެގޮތުން ދިވެހި ރާއްޖެއާއެކު ޤައުމަކުން ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޗައިނާ އާ އެކުއެވެ. މީގެ އިތުރުން ޗައިނާއިން ރާއްޖެއަށް ގިނަ ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ވެސް ބޮޑެތި އެހީތައް އެ ޤައުމުން ވަނީ ވެފައެވެ. މީގެ ތެރޭގައި ސިނަމާލެ ބްރިޖް މަޝްރޫޢާއި ވެލާނާ އެއަޕޯޓުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ.









