ހއ. ދިއްދޫއިން ރައީސަށް މަރުޙަބާ ދަންނަވަނީ. އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގެ ސަބަބުން އެތައްބަޔަކަށް އެމީހުންގެ ނަފްސާއި މެދު ވިސްނަން މަގުފަހިކޮށްދިން.
ސިކުނޑި ބޭނުން ނުކުރާ މީހުންނަށާއި، އަދި ކަންކަމުގައި އަނެކާގެ ވިސްނުމުން ކަންތައްތައް ކުރާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަގުހުރި ނަޞޭޙަތެއް ދެއްވައިފިއެވެ.
ރައްބުވަންތަ އިލާހާއި، އިސްލާމް ދީނުގެ އުޞޫލުތަކާއި މަޙްޝަރު ދުވަސް ވެސް ހަނދާން ކޮށްދެއްވަމުން ރޭ ހއ. ދިއްދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މާތްރަސްކަލާނގެ ކޮންމެ މީހަކަށް ވެސް ސިކުނޑިއެއް ދެއްވާފައިވާ ކަމަށާއި، އަޅުގަނޑުމެންނަށް ދެއްވާފައިވާ ބުއްދިއާއި ސިކުނޑިއާއިމެދު ސުވާލު އަންނާނެ ދުވަހެއް ވާކަން މުސްލިމަކަށް ވީތީވެ ޤަބޫލުކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ސިކުނޑި ބޭނުންނުކުރާނަމަ ސިކުނޑިއެއް ނެތް، ނޫނިއްޔާ ވިސްނުން ބުއްދި ނުދެއްވާ ޖަނަވާރުންނަކާ ނެތެއް ނޫންތޯ ތަފާތެއް." ރައީސް ވިދާޅުވިއެވެ.
ސިޔާސީ ވާދަވެރިންދަވެރިންގެ ފަރާތުން އަންނަ ކޮންމެ ވާހަކައަކަށް ތާއީދުކޮށް، އަމިއްލަ ވިސްނުމެއް ނެތި ހަރަކާތްތެރިވާ ފަރާތްތަކަށް ވަރަށް މުހިންމު ނަޞޭޙަތެއް އެމަނިކުފާނު ދެއްވިއެވެ. ވިދާޅުވީ، އެމީހެއްގެ ކަންކަން ނިންމާނީ އެމީހަކަށް ދެއްވާފައިވާ ބުއްދީގެ ބޭނުން ހިފައިގެންނެވެ. "ތިމަންނަކަން ތިމަންނަގެ ކަންކަމާމެދު ނިންމާނެ ގޮތް ވިސްނަން ޖެހޭނީ. އެހެންމީހަކު ނޫންކަން ތިމަންނައަށް ވިސްނަދޭން ޖެހޭނީ." ރައީސް ވިދާޅުވިއެވެ.
އަނެކާއަކީ ތިމާއަށް ވުރެ ދެރަ ނުވަތަ ނިކަމެތި މީހެއްކަމަށް ސެކިގެން އުޅޭ ބައެއް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބުރަނުވެ، ރައްޔިތުން އަމިއްލައަށް ވިސްނައި ފިކުރުކުރުމަށް ގޮވައިލައްވަމުން ރައީސް ވިދާޅުވީ، ކޮންމެ ރައްޔިތަކަށް ވެސް ފަރުދީ ޒިންމާތަކެއް ވާކަމަށާއި، ޢުމްރާނީ ކިތަންމެ ތަރައްޤީއެއް ގެނައި ކަމުގައި ވިޔަސް، ޤައުމަށް ކުރިއެރުން އަންނާނީ ފަރުދީ ޒިންމާ އަދާކުރާ ބަޔަކަށް އަޅުގަނޑުމެން ވީ ދުވަހަކުންނެވެ.
"،އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް މިދެންނެވި ފަރުދީ ޒިންމާ އަދާކުރާ މީހަކަށްވާ ދުވަހަކުން. އަޅުގަނޑުމެންގެ ގައުމަށް ކުރިއެރުމެއް އަންނާނީ ، އަދި ކިތަންމެ އެއާޕޯޓެއް އެޅިޔަސް ކިތަންމެ މަގެއް ހެދިޔަސް، ކިތަންމެ މަޝްރޫޢުތަކެއް ރަށުގައި ހިންގިޔަސް މިދެންނެވި ފިކުރު މިޤައުމުގައި ޤާއިމްވާ ދުވަހަކުން. އެކަން ކުރާނެ ބަޔަކީ އަޅުގަނޑުމެން ކަމުގައި ވީދުވަހަކުން. އެކަން ކުރާނީ އަމިއްލަޔަށް. ސަރުކާރުން ކުރާނެ ކަމެއް އެއަކު ނޯންނާނެ. އަޅުގަނޑު ދޭނީ ހިއްވަރު". ރައީސް ވިދާޅުވިއެވެ.