ދިއްދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ.
ހއ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ އަތޮޅު ދިއްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ދެން އެރަށަށް ވަޑައިގަންނަވާނީ އެރަށަށް ޖައްސާ ފުރަތަމަ ފްލައިޓުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ދިއްދޫ އެއާޕޯޓަކީ އެރަށާއި މުޅި ހއ އަތޮޅުގެ ތަރައްޤީއަށްވެސް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ރައީސްގެ މެނިފެސްޓޯއާއި ވެރިކަމަށް އައުމަށްފަހުވެސް އެ މަޝްރޫޢުގެ ވާހަކަ ތަކުރާރުކޮށް ދައްކަވަމުން އަންނަކަން ފާހަގަކުރައްވާފައި ރައީސް ވިދާޅުވީ ހއ، ހދ، ށ އަދި ނ އަތޮޅު އެކު އެކީގައި އިންޓެގްރޭޑް ވެފައި އޮންނަ ތަރައްޤީގެ ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި މަފްހޫމް ޙަޤީޤަތަކަށް ހެދުމުގައި މި ރަށުގައި މި އެއާޕޯޓު ހެދުމަކީ މި ދެންނެވި ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި ކުރަން ޖެހޭ ކަމެއް، އެކަން އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިއްދޫގައި އެއާޕޯޓު ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ތަރުތީބު ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެމްޓީސީސީއާ ބައެއް މަސައްކަތްތައް ހަވާލުކޮށް، ބޭރުގެ ފަރާތަކާ އެކުވެސް ފްރޭމްވޯކް އެގްރީމަންޓެއްގައި ސޮއިކޮށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ބިން ހިއްކުމާއެކު އެއާޕޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބާރު ސްޕީޑުގައި އެ މަޝްރޫޢުގެ މަސައްކަތް ގެންގޮސް ނިންމަވާނެ ކަމަށެވެ.
"ނިންމާ، ދެން އިރާދުކުރެއްވިއްޔާ އަޅުގަނޑު މި ރަށަށް އަންނާނީ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓު ހުޅުވަން." ރައީސް ވިދާޅުވިއެވެ.