ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އުތީމުގައި ހުރި ޤައުމީ ބިނާތައް އަސްލު ނުގެއްލޭނެގޮތަށް ތަރައްޤީކޮށް ކުރިއަރުވުމަށް ޤައުމީ މަޝްރޫޢެއް އިޢުލާން ކުރައްވައިފިއެވެ. މި މަޝްރޫޢު ރައީސް އިޢުލާންކުރެއްވީ މިއަދު ޤައުމީ ބަޠަލު ބޮޑުތަކުރުފާނުގެ އުފަންރަށް ކަމަށްވާ އުތީމުގައި، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޤައުމުގެ ތަރައްޤީއަކީ ޢިމާރާތް ބިނާކުރުމާއެކު ފިކުރު ވެސް ތަރައްޤީކުރުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ޤައުމިއްޔަތު އާލާކޮށް، ކުރިއަރުވައި އަންނަންއޮތް ޖީލަށް ފޯރުކޮށްދިނުމަށް ފަށާފައިވާ މަސައްކަތަކީ މުހިންމު މަސައްކަތެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ބޭނުންވަނީ ގަނޑުވަރާއި މުހިންމު ތަންތަނާއި ތާރީޚީ ތަންތަން ހިމާޔަތްކޮށް، ޤައުމީ ވިސްނުމުގައި ޕްރޮގްރާމްތައް ހިންގައި ޤައުމީ މަޝްރޫޢުއެއްގެ ގޮތުގައި ކަންކަން ކުރަން," ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވަނީ މިއަހަރާއި އަންނަ އަހަރު ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި އުތީމުގައި ފާހަގަކުރައްވާނެކަން އިޢުލާންކުރައްވައިފައެވެ. މި މަޝްރޫޢުގެ ދަށުން އުތީމުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުރިހަމަކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ މި މަޝްރޫޢުއަށް ބޭރުގެ އެހީއެއް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޤައުމީ ބިނާތަކުގެ އަސްލު ނުގެއްލޭނެހެން މި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން އުތީމަކީ ސަރުކާރުގެ ތަރައްޤީގެ ދުވެލީގައި ވަރަށް ފުރިހަމަ ދައުރެއް އަދާކުރާނެ ރަށަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް ވަރަށް ސަމާލުކަން ދީގެން ކުރިއަށް ގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.









