"މަގޭ ސޯލާ" ޕްރޮގްރާމް ފިއްލަދޫއިން ފަށައިފި

އާނާ ފަހީމް | 171 ދުވަސް ކުރިން - 28 ޖެނުއަރީ 2025 17:48
ރައީސް، "މަގޭ ސޯލާ" ޕްރޮގްރާމް ފައްޓަވައިދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް، "މަގޭ ސޯލާ" ޕްރޮގްރާމް ފައްޓަވައިދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

"މަގޭ ސޯލާ" ޕްރޮގްރާމަކީ ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެއް.

"މަގޭ ސޯލާ" ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. ފިއްލަދޫގައި ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

"މަގޭ ސޯލާ" ޕްރޮގްރާމަކީ ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.

ތިމާވެށްޓާބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމުގެ ސަބަބުން، 2028 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފެއްދުމުގެ އަމާޒަށް ވާޞިލުވުމަށް މަގުފަހިވެގެންދާނެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 750 ގޭބިސީއަކަށް ސޯލާ ޕީވީ ނިޒާމު ފޯރުކޮށްދެވޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

މި ނިޒާމުތައް ޤާއިމުކުރެވޭނީ ނެޓް މީޓަރިންގ އުޞޫލުގެ ދަށުން ގޭގެ ފުރާޅުގައި ސޯލާ ޕީވީ ޖަހައިގެންނެވެ. މިގޮތަށް ކަރަންޓު ބޭނުންކުރަން ފެށުމުން ގޭބިސީތަކުން މިހާރު ކަރަންޓު ބިލަށް ހޭދަކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

ސޯލާ ޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް، އިންސްޓޯލްމަންޓް އުޞޫލުން ގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިއީ އާންމު ފަރުދުންނަށް މިފަދަ ނިޒާމުތައް ގަތުމަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ރޭވިފައިވާ ކަމެކެވެ.

ސަރުކާރުން މި ޕްރޮގްރާމު އިތުރަށް ފުޅާކުރުމަށްޓަކައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ފުރަތަމަ ކުއާޓަރުގެ ތެރޭގައި ބީލަން ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް ތިމާވެށްޓާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

"މަގޭ ސޯލާ" ޕްރޮގްރާމަކީ ސަރުކާރާއި ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެން ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމުގެ ދަށުން ވީހާވެސް ގިނަ ފަރާތްތަކަށް އަމިއްލަ ގޭގައި ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%