ފިއްލަދޫގެ ތަރައްޤީއަށް އެންމެ މުހިންމު ކަމަކީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުން ކަމަށާއި، އެކަމަށް އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފިއްލަދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ސަރަޙައްދުގައި ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. މި އަމާޒު ހާސިލުކުރުމަށްޓަކައި ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ހުންނަންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ފިއްލަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި، އެރަށުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ސައިޓެއް ޤާއިމުކޮށް، އެތަނަށް މުވައްޒަފުން ނަގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ސަރަޙައްދުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ފިއްލަދޫގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ކޮމާޝަލް ބިންތައް ތަރައްޤީކުރުމަށްޓަކައި، އިންޓްރެސްޓް ކުޑަ ލޯނުތަކެއް ވަރަށް އަވަހަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ތަޢާރަފުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ ދާއިރާގެ ރަށްތަކަށް އެމަނިކުފާނުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންފައިވާ ވަޢުދުތައް ހަނދުމަފުޅު ހުރި ކަމަށާއި، އެ ކަންކަން ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އެގޮތުން، ފިއްލަދޫގެ ސިއްޙީ މަރުކަޒާއި ސްކޫލަށްވެސް މުހިންމު ތަރައްޤީތަކެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލަށް ކްލާސްރޫމް އިތުރުކުރުމާއި މަލްޓިޕާޕަސް ހޯލު ނިންމުން ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ފިއްލަދޫގެ ކުނި މެނޭޖްކުރުމުގެ މައްސަލައަށްވެސް މިއަހަރުގެ ތެރޭގައި ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ހއ. އަތޮޅުގެ ރަށްތަކުގެ ތަރައްޤީއާއި ރައްޔިތުންގެ ހާލު ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް އަންނަނީ އަތޮޅުގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.