ހއ. ފިއްލަދޫއަކީ ތަރައްޤީގެ ފުރުޞަތު ވަރަށް ބޮޑު ރަށެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފިއްލަދޫއަކީ ބިން ބޮޑު އަދި ސަރަޙައްދީ ގޮތުން ގިނަ ބަޔަކަށް ފައިދާތަކެއް ލިބޭނެފަދަ ސަރަޙައްދެއްގައި އޮތް ރަށެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ފިއްލަދޫގެ ތަރައްޤީއިން ދިވެހި ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެއެވެ. މީގެ އިތުރުން، މި ސަރަޙައްދުގެ އިންޓަނޭޝަނަލް އެއާޕޯޓު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށްވެސް ފިއްލަދޫއަކީ މުހިންމު ރަށެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ފިއްލަދޫގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ. އަދި ފިއްލަދޫއަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގެ ތެރޭގައި ހިމެނޭ ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާވެސް ވަކި ތަރުތީބަކުން ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިޤްތިޞާދީ ގޮތުން ހއ އަދި ހދ އަތޮޅުގެ ފަތުރުވެރިކަން ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްނަގައިގެން ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްތައް ކުރިއަށްގެންދާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތުވެސް މިއަދުގެ ޖަލްސާގައި އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ ފިއްލަދޫގެ އައު ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ބައްދަލުކުރެއްވުމަށްފަހު "މަގޭ ސޯލަރ" ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވެއެވެ.