އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ގޮތަށް ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ފޮނުވައި، އެސަރަހައްދު ހުސްކޮށްލުމުގެ މަސައްކަތް ވަގުތީގޮތުން ފަސްވެފައިވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ޓްރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން އުރުދުން އާއި މިޞްރަށް ފޮނުވާލުމަށް ހުށަހަޅާފައެވެ. އޭނާ ބުނެފައިވަނީ ޣައްޒާއަކީ "ސުންނާފަތިވެފައިވާ ތަނެއް" ކަމަށާއި، އެތަނުގައިވާ މިލިއަނެއްހާ މީހުން ނަގައި، އެތަން "ސާފުކޮށްލެވިދާނެ" ކަމަށެވެ. އަދި މިއީ ވަގުތީ ނުވަތަ ދާއިމީ ހައްލެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ނަމަވެސް މިކަމަށް އުރުދުން އާއި މިޞްރުން ވަނީ ދެކޮޅު ހަދާފައެވެ. އުރުދުންގެ ފޮރިން ކަންތަކާބެހޭ ވަޒީރު ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުން ނަގުލުކުރުމަށް އެޤައުމުން ދެކޮޅުހަދައި އިންކާރު ކުރާ ކަމަށެވެ. މިޞްރުގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ ވަގުތީ ނުވަތަ ދާއިމީކޮށް ވެސް ފަލަސްތީނުގެ ރައްޔިތުން ނަގުލުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.
ހަމާސް އާއި ފަލަސްތީނު އޮތޯރިޓީން ވެސް ވަނީ މިކަން ކުށްވެރިކޮށް، އިންކާރުކޮށްފައެވެ. ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމަށްވާ ބާސިމް ނައީމް ބުނެފައިވަނީ ޣައްޒާގެ ރައްޔިތުން 15 މަސްދުވަހު މަރާއި ހަލާކުވުން ތަހައްމަލުކުރީ އެމީހުންގެ ބިމުގައި ދެމިތިބުމަށް ކަމަށާއި، އެއްވެސް ހުށަހެޅުމެއް ބަލައިނުގަންނާނެ ކަމަށެވެ.









