ހއ. ފިއްލަދޫ ކައުންސިލްގެ އައު ޢިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
ފިއްލަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު އުމަރެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ފިއްލަދޫ ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، އެ ރަށުގެ މުއައްސަސާތަކުގެ ވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންވެސް ބައިވެރިވެލެއްވިއެވެ.
މި ޢިމާރާތަކީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ޢިމާރާތެކެވެ. މި މަޝްރޫޢުގެ ދަށުން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކުގެ އައު ޢިމާރާތްތަކުގެ މަސައްކަތް ކުރަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ހެކްސްޓާ ގްލޯބަލް" އިންނެވެ.
މި މަޝްރޫޢަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސް މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ހިންގުމަށް އިތުރު ލުއިފަސޭހަކަން ލިބި، ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުވެގެންދާނެއެވެ.
ރައީސް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މުރައިދޫއަށް ވަޑައިގެން ވަނީ އެ ރަށު ކައުންސިލްގެ އައު ޢިމާރާތުގެ ބިންގާވެސް އަޅުއްވާފައެވެ.









