ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) ގުޅިގެން ކްރިކެޓް އަމްޕަޔަރުން ތަމްރީނު ކުރުމަށް އަމްޕަޔަރ ލެވެލް އެކެއްގެ ކޯހެއް ބާއްވައިފި އެވެ.
މި މަހުގެ 19 ވަނަ ދުވަހު ފެށި މި ކޯހުގައި 16 ބައިވެރިން ބައިވެރިވި އެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ކިޔަވައި ދިނީ އަމްޕަޔަރިން އެޑިއުކޭޓަރ ލެވެލް އެކެއްގެ ކޯސް ހަދާފައިވާ އިބްރާހިމް ރިޒާން އާއި އަމްޕަޔަރިން އެޑިއުކޭޓަރ ލެވެލް 2 ހަދާފައިވާ އިމާދު އިސްމާއީލް ކަމަށް ކްރިކެޑް ބޯޑް އޮފް މޯލްޑިވްސް އިން ބުންޏެވެ.
އާދީއްތަ ދުވަހު އޮތް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ބައިވެރިންނަށް ފާސްވި ކަމުގެ ސެޓްފިކެޓް ދެއްވީ ޝަރަފުވެރި މެހުމާން، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޒާޤް އެވެ.
ކޯހުގައި ކިޔަވައިދިން އިބްރާހިމް ރިޒާން ބުނުއްވީ މި ކޯހާއި އެކު ސީބީއެމްގެ މުބާރާތްތަކުގައި އޮފިޝަލުން ހޯދުމަށް ކުރިން އޮތް ހުރަސްތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އިތުރު ކޯސްތަކެއް ހިންގުމަށް ރާވަމުން އަންނަ ކަމަށް ވެސް ރިޒާން ބުނުއްވިއެވެ.
މި ކޯހުގެ ބައިވެރިން ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓް ހަދައި އެސެސް ކުރި އެވެ. މީގެ އިތުރުން ކޯހުގެ ބައިވެރިންގެ ތެރެއިން ހަތް ބައިވެރިން ވަނީ 80 އިންސައްތަ އަށް ވުރެ މަތިން މާކްސް ހޯދައިގެން ކޯހުން ފާސްވެފަ އެވެ.
ރިޒާން ބުނުއްވި ގޮތުގައި މި ކޯހުގެ މަޤްޞަދަކީ މެޗްތަކުގައި އޮފިޝަލްކަން ކުރާނެ ފަރާތްތަކުގެ އަދަދު އިތުރު ކުރުމެވެ. އަދި ސީބީއެމް އިން ރާވައި ހިންގާ މުބާރާތްތަކުގެ އަދަދު އިތުރުވަމުން ދިއުމާ އެކު، މެޗު އޮފިޝަލުން ހޯދުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދުމެވެ.









