ދުބާއީގައި އިންޑިއާ އަށް ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކޮށްދިނުމަށް ފަހު ކްރިކެޓް ޓީމުގެ ކެޕްޓަން ރޯހިތު ޝަރުމާ އޭނާގެ އަންހެނުން ރިތިކާ ސަޖްދޭހާއި އަންހެން ދަރިފުޅު ސަމައިރާއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
ރޯހިތު ޗުއްޓީ ހޭދަކުރަމުން އަންނަނީ މަޝްހޫރު ރިސޯޓު ވަލްޑޯފް އެސްޓޯރިއާގައެވެ.
ރޯހިތު ވަނީ ޗުއްޓީގެ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ރޯހިތު ޗުއްޓީއަށް އައިސްފައި މިވަނީ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) 2025 ގެ ކުރިންނެވެ. އޭނާ އަންނަ ހަފުތާގައި މުމްބާއީ އިންޑިއަންސް ކޭމްޕާ ގުޅޭނެ ކަމަށް ބެލެވެއެވެ.
އައިޕީއެލް 2025 ގެ ކެމްޕޭން މުމްބާއީ އިން ފަށާނީ މިމަހުގެ 23 ވަނަ ދުވަހު ޗެންނާއީގައެވެ.
ރޯހިތު ޗުއްޓީ އަށް އައިސްފައިވާއިރު، ރާއްޖެއަކީ އެފަދަ ކުޅުންތެރިންގެ މެދުގައި ވަރަށް މަޤުބޫލު މަންޒިލެއްކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ވެސް އަންނަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ލިވަޕޫލް ފުޓްބޯޅަ ކްލަބާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް ޤާއިމްކޮށްފައިވާއިރު، މި ޕާޓްނަރޝިޕްގެ ދަށުން ދިވެހިރާއްޖެއަކީ ލިވަޕޫލްގެ ރަސްމީ ފަތުރުވެރިކަމުގެ މަންޒިލުގެ ޕާޓްނަރުގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.









