އިއްޔެ ބޫޓާންގައި ބޭއްވުނު އިންޓަނޭޝަނަލް ކްރިކެޓް މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެއާއި ތައިލެންޑް ކުޅެން ހަމަޖެހިފައިވާ މެޗުން ލީގު ބުރުގެ އެންމެ ކުރީގައި އޮތް ތައިލެންޑަށް ޗެމްޕިއަންކަން ދީފިއެވެ.
ޓީ 20 ޓްރެންގިއުލާ މުބާރާތުގެ ފައިނަލް މެޗު ކުޅެން ދެ ޓީމު ދަނޑަށް ހާޒިރުވި ނަމަވެސް، ވިއްސާރައިގެ ސަބަބުން މެޗު ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ. ފަހުން ވާރޭ ވެހުން ހުއްޓާލި ނަމަވެސް، ބޫޓާންގެ ކްރިކެޓް އޮފިޝަލުން ނިންމީ ޕިޗުގެ ހާލަތު ރަނގަޅު ނޫން ކަމަށާއި މެޗު ކުޅެވޭނެ ހާލަތެއް ނެތް ކަމަށެވެ.

އެހެންކަމުން މި ހާލަތުގައި ޗެމްޕިއަން ޓީމު ކަނޑައެޅުމަށް ބެލީ މުބާރާތުގެ ރައުންޑް ބުރުގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމަށެވެ. ލީގު ބުރުގައި ތައިލެންޑް ހޯދާފައިވަނީ ހަ ޕޮއިންޓެވެ. ރާއްޖެ އަށް ލިބިފައިވަނީ ތިންވަނަ ޖާގައެވެ. އެއީ އެއް މެޗުން މޮޅުވެފައިވާތީއެވެ.
ރާއްޖެއިން ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ބޫޓާން ބަލިކުރުމަށްފަހުގައެވެ. އަދި ތައިލެންޑުން ފައިނަލަށް ދަތުރުކޮށްފައިވަނީ އިންޑޮނޭޝިއާ ބަލިކުރުމަށްފަހުގައެވެ.
ތިންވަނަ ހޮވުމަށް ބުރާސްފަތި ދުވަހު ކުޅުނު މެޗުން ބޫޓާން މޮޅުވެފައިވަނީ އެއް ވިކެޓުންނެވެ. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ރަނަރަޕް މަޤާމެވެ. މިއީ 14 އަހަރު ފަހުން ރާއްޖެއަށް ކުރިކެޓުގައި ލިބުނު ބައިނަލްއަޤްވާމީ އެންމެ ބޮޑު ކާމިޔާބީއެވެ.









