މުރައިދޫގެ ބަނދަރަށް އިސްކަންދީ، ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 199 ދުވަސް ކުރިން - 28 ޖެނުއަރީ 2025 12:09
ރައީސް މުރައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ޖަލްސާ/ ފޮޓޯ: ރައީސް އޮފީސް
ރައީސް މުރައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ޖަލްސާ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ބަނދަރުގެ މަސައްކަތަށްފަހު، މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި.

ހއ. މުރައިދޫއަށް ސަރުކާރުން ކޮށްދޭންޖެހޭ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް، އެންމެ އިސްކަމެއް ދެއްވާނީ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހއ. މުރައިދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރިން ހައުސިންގ މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު ވެސް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދެވުނު ނަމަވެސް، އަދި ކުރީގެ ސަރުކާރުން ވެސް އާ މަޝްރޫޢެއް ފެށި ނަމަވެސް، މުރައިދޫގެ ބަނދަރުގެ މައްސަލަ މިހާތަނަށް ހައްލުވެފައި ނުވާކަން ފާހަގަކުރައްވާ ކަމަށެވެ.

"އެހެން އަބަދު ރައްޔިތުން މިކަމުގަ ތަކުލީފު އުފުލަން ޖެހި، ފުރާނައަށް ގެއްލުން ވެގެން ދިއުމަކީ އިންސާފެއް ނޫން. އެހެން ކަމުން އިރާދަކުރެއްވިއްޔާ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ބޭރު ތޮށީގެ މައްސަލަ އިރާދަކުރެއްވިއްޔާ، މިރަށުގެ އެމްޓީސީސީ މިއޮތީ މަސައްކަތަށް މޮބިލައިޒް ކުރެވިފައި. އެމްޓީސީސީ މިރަށުން ފައިބާނީ ތިބޭފުޅުން އެދިލައްވާ ގޮތަށް ބަދަރުގެ ބޭރު ތޮށި ހަދާދީފައި،" ރައީސް ވިދާޅުވިއެވެ.

ބަނދަރުގެ މައްސަލަ ހައްލުކުރުމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ރައީސް ފާހަގަކުރެއްވި ނަމަވެސް، އެއީ އެންމެ އިސްކަންދޭ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބަނދަރުގެ މަސައްކަތަށްފަހު، މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މުރައިދޫއަށް ވަޑައިގެން މަގު ހައްދަވައި ދެއްވާނެ ކަމުގެ ވަޢުދު ވެވަޑައިގެންފައިވާ ކަމަށް ރައީސް ހަނދުމަފުޅުކޮށް ދެއްވިއެވެ. އަދި މި ދައުރުގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރުން، ރަށުގެ އާބާދީއަށް ވިސްނައި، ރަށަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް މި ދައުރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ. ރަށުގެ ފެނާއި ނަރުދަމާގެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%