މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު (ޑީއެމްޑީ) ގެ މަޤާމަށް އަޙްމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފް އައްޔަންކޮށްފިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަޙްމަދު ޝަރީފްގެ ތަޞައްވުރާއި ލީޑަރޝިޕްގެ ދަށުން ކުންފުނި އިތުރު ކާމިޔާބީތަކަކަށް ވާޞިލުވާނެކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. އަދި އޭނާއަށް މަރުޙަބާ ދަންނަވާފައިވެއެވެ.
އަޙްމަދު ޝަރީފަކީ މީގެ ކުރިން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާގެ ތަޖުރިބާ އާއި ހުނަރު އެމްޓީސީސީގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.
މިހާރު އެމްޓީސީސީގެ ބޯޑުގައި ތިއްބެވި ހަތް މެންބަރުންގެ ތެރޭގައި ހިމެނެނީ ސަރުކާރުން އައްޔަންކުރައްވާފައިވާ ޗެއަރމަން މުޙައްމަދު އަފީފް ޙުސައިން، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ، ޑީއެމްޑީ މުޙައްމަދު ޖަމްޝީދު، އަދި ޑިރެކްޓަރުންގެ ގޮތުގައި އަލީ ނާއިލް އާއި ސިނާން އަލީއެވެ. މީގެ އިތުރުން، ރައްޔިތުންގެ ފަރާތުން ބޯޑުގައި ތިއްބެވީ ނަޞްރަތު މުޙައްމަދާއި މުޙައްމަދު އިމްރާނެވެ.









