ސްކޭމް ކުރުމަށް ކުރާ ފްލޭޝް ކޯލްތަކުގެ ޝިކާރައަކަށް ގިނަ ބަޔަކު ވަމުން ދާތީ، އެކަމަށް އާންމުން ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ އޯޓީޕީ ކޯޑު ބޭނުންކޮށްގެން އެކި މީހުންގެ އެކައުންޓު ހެކް ކުރަމުންދާ މައްސަލަތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކޮށް، އޯޓީޕީ ކޯޑު އެއްވެސް ބަޔަކާ ހިއްސާ ނުކުރުމަށް މުއައްސަސާތަކާއި ދައުލަތުގެ އެކި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ކަހަލަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެ، އެ ކަހަލަ މައްސަލަތައް ރިޕޯޓުކުރާ ޢަދަދު ވެސް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.
އެކަމަކު، އޯޓީޕީ އޮތަންޓިކޭޝަން އަކީ އެކައުންޓުގެ ސެކިއުރިޓީއަށް މުހިންމު ފީޗާއަކަށް ވާއިރު، އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް ނަހަމަ ގޮތުގައި ބޭނުންކޮށް، ސްކޭމްކުރާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ކުރުމެވެ.
ފުލުހުން ބުނީ ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮން ގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.
ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ)ގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ، އޮތަންޓިކޭޝަން މެތަޑެކެވެ. ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ހިޔާރުކުރަން ފަށާފައި ވަނީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) އަކީ އެސްއެމްއެސްގެ ޒަރީއާއިން ލިބޭ ޓެކްސްޓް މެސެޖަކަށް ވާތީ އާއި ޓެލެކޮމިއުނިކޭޝަން ޚިދުމަތް ދޭ ފަރާތްތަކުން އޯޓީޕީ އެސްއެމްއެސް އަށް ކަސްޓަމަރު އަތުން އަގެއް ނަގާތީއެވެ.
މީގެ އިތުރުން އެސްއެމްއެސްގެ ޒަރީއާއިން އޯޓީޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތަށް އޯޓީޕީ ރައްދުވުމުގައި ވެސް ލަސްތަކެއް އުޅޭތީ ކަމަށްވެއެވެ.
ނަމަވެސް، ފްލޭޝް ކޯލްސް ތަފާތެވެ. ފްލޭޝް ކޯލްސް އަކީ ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީއެކެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސް ވެސް މެއެވެ. ފްލޭޝް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތް ދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ.
މި ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފި ނަމަ އެ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެއް ކަމަށް ފުލުހުން ބުންޏެވެ.
"އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ޙީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓުތައް ހިސޯރުކުރަން ވަނީ ފަށާފައި." ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އިތުރު އެއްވެސް ފަރާތަކަށް، ތިމާގެ ފޯނަށް ލިބޭ ކޯޑެއް ވެސް އަދި ގުޅާފައި އޮތް ނަންބަރެއް ވެސް އަދި މިސް ކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރަން އެދޭ ކަމަށެވެ. އަދި ފްލޭޝް ކޯލްސް އަކީ ކޮބައިކަން ތިމާގެ ޢާއިލާ މީހުންނާއި ރަހުމަތްތެރިންނަށް ކިޔައިދީ ފްލޭޝް ކޯލްސްއާ މެދު ހޭލުންތެރި ބަޔަކަށް އެންމެން ވެސް ހެދޭތޯ ފަރުދީ ހައިސިއްޔަތުން މަސައްކަތްކުރަން ވެސް ފުލުހުން ވަނީ އެދިފައެވެ.









