ޣައްޒާގެ މުސްލިމުން ނެތިކޮށްލައި އެ ބިމަށް ގަދަބާރުން ވެރިވެގަތުމަށް މަސައްކަތްކުރާ ހައްދުފަހަނައެޅި އިސްރާއީލުގެ ހަތިޔާރުއެޅި ޞަޙްޔޫނީން 38,000 އަށްވުރެ ގިނަ ކުޑަކުދިންނަށް ޙަމަލާދީފައިވާ ކަމަށް އދ. ގެ ރެކޯޑްތަކުން ދައްކައިފިއެވެ.
އެމެރިކާއާއި ހުޅަނގުގެ މަދަދާއި ސިއްރިޔާތުގައި ދެމުންދިޔަ ފުރިހަމަ އެއްބާރުލުމާއި ރުހުމާއެކު ނަތަންޔާހޫގެ ސަރުކާރުން ވަނީ ގަސްދުގައި ޙަމަލާދީ 13,000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައެވެ.

އޭގެތެރޭގައި ސީދާ ސްނައިޕަރުން އެ ކުދިންގެ ބޮލަށާއި ނިތްކުރިޔަށް އަމާޒުކޮށް ޙަމަލާ ދީފައިވާ ކަމުގެ ހެކި އެމެރިކާގެ ޑޮކްޓަރުން ވަނީ ސާބިތުކޮށްދީފައެވެ.
މިކަމާއި ގުޅިގެން އދ. އިން ބުނީ "ޣައްޒާ ވެފައިވަނީ ކުޑަކުދިންނަށް ދުނިޔޭގައި އެންމެ ފަނާކުރަނިވި ސަރަހައްދަކަށް" ކަމަށެވެ. އަދި މި ހަނގުރާމައަކީ ކުދިން އިޚްތިޔާރުކުރި ހަނގުރާމައެއް ނޫން ނަމަވެސް އެމީހުން އޭގެ އަގު ދައްކަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.

އދ. ގެ ކުޑަކުދިންގެ އިދާރާ ޔުނިސެފުން ހާމަކޮށްފައިވާ ގޮތުގައި ކާނާ ނުލިބުމުގެ ސަބަބުން ވެސް ބައެއް ކުޑަކުދިން ބަނޑަށް މަރުވެފައިވެއެވެ. މީގެ އިތުރުން ކާނާ ނުލިބި ޞިއްޙީ ޙާލަތު ގޯސްވެގެން ގާތްގަނޑަކަށް 19,000 ކުޑަކުދިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެއެވެ. އަދި 15 މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އެތައް ހާސް ކުދިންނެއް ޔަތީމުވެ ނުވަތަ މައިންބަފައިންނާއި ވަކިވެފައިވާ ކަމަށްވެސް އދ. އިން ފާހަގަކޮށްފައިވެއެވެ.









