"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން" ކުންފުނިން މިއަހަރު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ މަސައްކަތަކީ، ރާއްޖޭގެ މަސްވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކުރުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރަން ޚާއްސަކޮށްގެން ސަރުކާރުން މި ކުންފުނި އުފެއްދެވީ 4 ފެބްރުއަރީ 2024 ގައެވެ. ކުންފުނީގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ އައު ބާވަތްތައް ތަޢާރަފްކުރުމާއި، މަސްވެރި އުފެއްދުންތައް އިތުރުކޮށް އެ އުފެއްދުންތައް ވިއްކޭނެ ބޭރުގެ ބާޒާރުތައް ގިނަކުރުމާއި މަހުގެ ބާވަތްތައް ޕްރޮމޯޓްކުރުމެވެ.
މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒަރީރް ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރަށް ކުންފުނީގެ ބިޒްނަސް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި، ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކުރާނެ ބްރޭންޑެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މި ބްރޭންޑް މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ލޯންޗްކުރެވޭނެ ކަމަށާއި، އޭގެ ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ ބޮޑެތި ސީފުޑް ފެއަރތަކުގައި ރާއްޖެ ތަމްސީލުކުރުމާއި، ރާއްޖޭގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ދެނެގަނެ އެހީތެރިވުމަށް ވެސް އިސްކަންދޭނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، އެ ފަރާތްތަކަށް ދިމާވާ ދަތިތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.









