ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމުގައި ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު މި ޔަޤީންކަން ދެއްވާފައި ވަނީ މިއަދު ފާހަގަކުރަމުންދާ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓެއްގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޕޯސްޓުގައި، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި ގުޅޭގޮތުން ރާއްޖޭގެ އިޙްސާސްތައް ފުރިހަމައަށް ދެނެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.
މި ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމަށް އިންޑިއާއިން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން ވެސް އިންޑިއާގެ ބޮޑުވަޒީރުގެ ޕޯސްޓުގައި ދެއްވާފައި ވެއެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން ހަރުދަނާ ކުރުމަށް އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އެ ޤައުމުގެ ބޮޑުވަޒީރު ދެއްވާފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އިންޑިއާއާއެކު ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ތިބޭނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއާއެކު އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމަށް ރާއްޖެއިން އަބަދުވެސް އިޙްތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ގާތް ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި އެއްގޮތް ވިސްނުންތަކުގެ ސަބަބުން އުފެދިފައިވާ ގުޅުމެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާ އަކީ އެތައް ޒަމާނެއް ވަންދެން ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ ޑިޕްލޮމެޓިކް، އިޤްތިޞާދީ އަދި ޘަޤާފީ ގުޅުންތަކެއް ޤާއިމުވެފައި ވެއެވެ. އިންޑިއާ އަކީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިންގެ ތެރެއިން އެއް ބައިވެރިޔާއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދެއެވެ.









