ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރާ ބިލެއް ތަޢާރަފުކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި، އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް މިފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
"ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފުކުރުމުގެ ވިސްނުމެއް ނެތް. ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު," ހީނާ ވިދާޅުވިއެވެ.
މީޑިއާގެ މިނިވަންކަމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވަމުން، ހީނާ ވިދާޅުވީ "މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން" ކަމަށެވެ.
ހީނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް، ނޫސްވެރިކަމާއި އިންޓަނެޓްގެ ވަސީލަތްތައް ރެގިއުލޭޓް ކުރުމަށް ބިލެއް ތައްޔާރުކުރަމުންދާ ކަމަށް ވިދާޅުވެފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކާއި ގުޅިގެންނެވެ. ނަމަވެސް، ހީނާ ސާފުކޮށްދެއްވީ މިއީ ސަރުކާރުގެ އަމިއްލަ ސިޔާސަތެއް ނޫން ކަމަށާއި، މިއީ ޑެޕިއުޓީ ސްޕީކަރ އަމިއްލައަށް ހުށަހަޅުއްވާ ބިލެއް ކަމަށެވެ.