އިންޑިއާއާއެކު ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސް ދްރޯޕަތީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ފޮނުއްވަމުން ރައީސް ވިދާޅުވީ، އިންޑިއާއާއެކު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ދިވެހިރާއްޖެއިން އަބަދުވެސް އިހުތިރާމް ކުރައްވާނެ ކަމަށެވެ.
"މިވަރުގަދަ ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިހުތިރާމާއި އެއްގޮތް ވިސްނުންތަކުގެ ސަބަބުން އުފެދިފައިވާ ގުޅުމެއް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ޤައުމަށް ދިމާވާ މައްސަލަ ތަކުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ސާބިތުކަމާއެކު ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރާ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހަކީ އެޤައުމުން މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއި ގުޅިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެ ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާފައިވަނީ 26 ޖެނުއަރީ 1950 ގައެވެ. މިއަހަރު ފާހަގަކުރަމުންދަނީ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހެވެ.









