ރާއްޖެއިން އިންޑިއާގެ މުމްބާއީ އެއަރޕޯޓަށް ދިޔަ މަތިންދާބޯޓެއްގެ ފާޚާނާގައި ރަން ފޮރުވައިގެން އެތެރެކުރަން އުޅުނު އިންޑިއާ މީހަކު އެ ޤައުމުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޖެނުއަރީ 1 ވަނަ ދުވަހުއެވެ.
އިންޑިއާ ކަސްޓަމްސްގެ އެއަރ އިންޓެލިޖެންސް ޔުނިޓް (އޭއައިޔޫ) އިން ހާމަކުރި ގޮތުގައި ހައްޔަރުކުރެވުނު މީހާ އަކީ ކަރްނާޓަކާގެ 24 އަހަރުގެ އިނާމުލް ހަސަން އެވެ. އިންޓެލިޖެންސް މަޢުލޫމާތުގެ އަލީގައި ބޯޓު ބަލައި ފާސްކުރުމުން، މަތިންދާބޯޓުގެ ފާޚާނާގެ ލައިޓް ޕެނަލެއްގެ ތެރެއިން 2.1 ކުރޯޑު ރުޕީސް (3.7 މިލިއަން ދިވެހި ރުފިޔާގެ) އަގުހުރި ރަން ހުރި 13 ޕައުޗް ފެނިފައިވެއެވެ.
ކަސްޓަމްސްގެ އޮފިޝަލުން ބުނާ ގޮތުގައި މި ރަން އެއަރޕޯޓުން ބޭރަށް ގެންދިއުމަށް ހަވާލުވެފައި ވަނީ އެއަރޕޯޓުގެ މުވައްޒަފުންގެ ބަޔަކާއި ކަމަށް ބެލެވެއެވެ. އިނާމުލް ހަސަން ވަނީ މަތިންދާބޯޓުގެ ފާޚާނާގައި ރަން ފޮރުވި ކަމަށް އެއްބަސްވެފައި ކަމަށް ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި މައްސަލައިގައި ތަޙުޤީޤުކުރަމުންދާ ކަންތައްތަކުގެ ތެރޭގައި އިނާމުލް ހަސަން ރަން ހޯދީ ކޮންތަނަކުން ކަމާއި، އެ ރަން ގެންދަނީ ކާކަށްކަން ހިމެނެއެވެ. އަދި ދާދި ފަހުން އިންޑިއާގެ ޑައިރެކްޓްރޭޓް އޮފް ރެވެނިއު އިންޓެލިޖެންސުން ވަނީ އިންޑިއާއަށް ރަން އެތެރެކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއް އަތުލާފައެވެ.









